މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އަތޮޅުތެރޭގެ ސްކޫލުތަކަށް ހާއްސަކޮށްގެން ލެކްޗާ ސީރީސް އެއް ފަށައިފިއެވެ.

މި ލެކްޗާ ސީރީސްގެ އަތޮޅުތެރޭގެ ފުރަތަމަ ސެޝަންތައް ފުވައްމުލައް ސިޓީގައި ކުރިއަށް ގެންގޮސްފައިވާއިރު، ފުވައްމުލަކު އަތޮޅު ތައުލީމީ މަރުކަޒުގައި އެމްއެމްއޭ އިން ކުރިއަށް ގެންދިޔަ ސެޝަންގައި އެ ސްކޫލްގެ ސާނަވީ ގްރޭޑްތަކުގެ ބައެއް ދަރިވަރުން ވަނީ ބައިވެރިވެފައެވެ،

އެމްއެމްއޭ ލެކްޗާ ސީރީސްގެ ފުރަތަމަ ސެޝަންގައި ގަވަރުނަރު އަލީ ހާޝިމް ބައިވެރިވެ ވަޑައިގެންފައިވާއިރުއެ މަނިކުފާނުގެ ތަޖުރިބާ ދަރިވަރުންނާ ހިއްސާކޮށް ދަރިވަރުންގެ ފަރާތުން ގަވަރުނަރަށް ހުށަހެޅުނު އެކި ސުވާލުތަކަށް ވަނީ ޖަވާބު ދެއްވާފައެވެ، މި ލެކްޗާ ސީރީސް ގައި ދަރިވަރުންނަށް މައުލޫމާތު ދިން ބައިތަކުގެ ތެރޭގައި ރާއްޖޭގެ އިގްތިސާދީ އަދި މާލީ ދާއިރާ ހިމެނެއެވެ.

މީގެ އިތުރުން މާލީ ހޭލުންތެރިކަމާއި ފަހަށް ރައްކާކުރުމުގެ މުހިއްމުކަމާ ބެހޭ ގޮތުންވެސް މައުލޫމާތު ވަނީ ދީފައެވެ. އެމްއެމްއޭ އިން ބުނީ ސްކޫލް ދަރިވަރުންނަށް އަމާޒުކޮށް މިފަދަ ޕްރޮގްރާމުތައް އަބަދު ވެސް ކުރިއަށް ގެންދާ ކަމަށެވެ. މިގޮތުން މާލޭގައި ބޭއްވޭ މި ފަދަ ޕްރޮގްރާމުތަކުގައި ރަށްރަށުގެ ސްކޫލްތަކުން ބައިވެރިވުމުގައި ހުރި ދަތިކަން ފާހަގަކުރެވިފައިވުމާއެކު އެ ސްކޫލްތަކަށް އޮތޯރިޓީގެ ފަރާތުން ގޮސްގެން ސެޝަންތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށް އެ އެތޯރިޓީއިން ވަނީ ބުނެފައެވެ.

އެގޮތުން ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވެސް އެކި ދުވަސް މަތިން ސެޝަންތައް ކުރިއަށް ގެންދާނެކަމަށް އެމްއެމްއޭ އިން ވަނީ ބުނެފައެވެ.