މި އަހަރު އައްޑޫގައި މަދުވެގެން 6000 އެނދުގެ އައްސޭރި ޓޫރިޒަމްގެ ޕްރޮޖެކްޓެއް ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފައިދައިން މިހާރު އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހުޅުދޫ އަދި މީދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ.
ރައީސް ވިދާޅުވީ ބްރިޖާއެކު އިސްކަން ދީގެން ކުރިއަށްގެންދާނެ ކަންކަމުގެ ތެރޭގައި އެ ސިޓީގެ އިންޓަނޭޝަލް އެއާޕޯޓު ފުރިހަމަކޮށް ވަރުގަދަ ކުރަން ކުރާ މަސައްކަތާއި އައްސޭރި ޓޫރިޒަމް ޕްރޮޖެކްޓް މި ސިޓީގައި ފެށުން ހިމެނޭ ކަމަށެވެ. އަދި މަދުވެގެން 6000 އެނދު ގެނެވޭ ފެންވަރަށް ޓޫރިޒަމް ތަރައްގީކުރާއިރު ސީޕްލޭން ހަބެއް އެތަނުގައި ގާއިމުކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ ހަތަރު ކަންތައް އެކުއެކީގައި އެ ސިޓީގައިވެގެން ދިޔައުމުން އެ ސިޓީގެ ރައްޔިތުންނަށް ލިބިގެންދާނީ ރައްޔިތުން އަބަދާ އަބަދު އުންމީދުކުރަމުންދިޔަ އުފާ ފާގަތިކަން ކަމަށެވެ. އެހެންކަމުން ހުރިހާ ކަމެއް އެ ހުރީ ގުޅިލާމެހިފައި ކަމަށާއި ހަމައެކަނި ބްރިޖަކުން ނުފުދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ ހަތަރު ކަންތައްވެސް މި އަހަރުގެ ތެރޭގައި ފެށިގެންގޮސް އޭގެ ނަފާ ލިބިގެންދާނެ ކަމަށާއި ހަމައެއާއެކީގައި މަސް ޕްލާންޓްގެ މަސައްކަތް ވެސް އެއީ ވައުދުފުޅެއް ކަމަށާއި އެ މަސައްކަތް ވެސް ވައުދުވީ ގޮތަށް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ސްކޫލްގެ ޕްރިންސިޕްވެސް ސްކޫލަށް އޮފީސް އިމާރާތެއް ބޭނުންވާ ކަމަށް ވިދާޅުވިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މި އަހަރު ބަޖެޓުގައި އެކަން ހިމެނިފައި ނެތަސް އެކަންް ކުރެވޭނެ އަވަސް ފުރުސަތެއް ބަލާ އެ އިމާރާތްވެސް އަޅައިދެއްވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ހަމައެއާއެކު އެންމެ މުހިއްމު ކަމަކީ ސިއްހީ ނިޒާމް ކަމަށާއި އެ ރަށުގައި ހުރި ގްރޭޑް 3 ލެވެލްގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކޮށްދެއްވާ ކަމަށެވެ. އަދި އެތަނުގައި އޮޕަރޭޝަން ތިއޭޓަރާއި އެ ފަދަ ކަންކަން ގާއިމުކުރުމަށް ކުރަން ޖެހޭ ކަންކަން ކުރާނެ ކަމަށާއި ބްރިޖަކުން ގުޅުނަސް އެހާ ބޮޑު އާބާދީއަކަށް އަސާސީ ކަންކަން ނުކުރުމަކީ އަދި އެއީ ދެކޮޅު ޖެހޭ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވީ
ރައީސް ވިދާޅުވީ ގާއިމުކުރަންޖެހޭ ވަސީލަތްތައް ގާއިމުކުރައްވާނެ ކަމަށާއި ހަމަ އެހެންމެ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެވެސް ހިދުމަތްތައް ފުޅާކޮށް ސިއްހީ ހިދުމަތް ހޯދުމަށް މާލެދާން ނުޖެހޭނެ ފެންވަރަށް ބަދަލު ގެންނަވާނެ ކަމަށެވެ. އަދި ބިން ހިއްކުމާއި މަގުހެދުމާއި އަދި އެނޫންވެސް ހުޅުދޫ މީދޫ އަދި މުޅި އައްޑޫސިޓީއަށް ބޭނުންވާ ކަންކަމަށް ސަމާލުކަން ދެއްވައިގެން މަސައްކަތްތައް ކުރިއަށް ގެންގޮސްދެއްވާނެކަމުގައި ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އިއްޔެ ވަގުތު ދިޔަ ގޮތުން ހިތަދޫގައި ޖަލްސާ ބޭއްވޭ ގޮތެއް ނުވި ކަމުގައި ވިޔަސް ވަކި ދަތުރެއް ހިތަދޫއަށް ކޮށްދޭނެ ވާހަކަ ދަންނަވާ ކަމަށެވެ.