ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ ފްލެޓްގެ ލިޔުން ލިބި ފްލެޓް ނުލިބު މީހުންނަށް މި ސަރުކާރުން ފަށާ ސޯޝަލް ހައުސިން މަޝްރޫއުން ފްލެޓް ހަމަޖައްސައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ ގދ. ގައްދޫ، މާފެހި، މުހައްމަދު ޝުހައިލް ކުރި ސުވާލަކަށް ޖަވާބުދެއްވައެވެ.
ޝުހައިލް ކުރި ސުވާލުގައި ބުނެފައިވަނީ ރައީސްގެ ހައުސިން މިނިސްޓަރު ކަމުގައި ހިޔާ ފްލެޓް ލިބުނު ކަމަށް ހައުސިން މިނިސްޓްރީގެ ތައްގަނޑު ޖަހާ، ލިޔުން ލިބުނު މީހުންނަށް މި ސަރުކާރުގައި އެންމެ ފުރަތަމަ ދޭ ފްލެޓްތަކުގެ ތެރެއިން ގޮތެއް ހޯދައިދިނުމަކީ ރައީސްގެ ވައުދެއް ކަމަަށެވެ. އެހެންކަމުން މިކަމުގައި ގޮތެއް ހޯދައިދެވޭނެ އިރަކާ ގުޅިގެން ޝުހައިލް ވަނީ ސުވާލުކޮށްފައެވެ.
ރައީސް ވިދާޅުވީ ވައުދުވި ގޮތަށް ހަމަ އެކަން ފުއްދައިދެއްވާނެ ކަމަށާއި މި ސަރުކާރުން ފަށާ ފުރަތަމަ ސޯޝަލް ހައުސިން މަޝްރޫއުގެ ތެރެއިން ކުރީގައި މި ފްލެޓް ލިބޭނެ ކަމަށް ގެޒެޓުގައި ނަން ހިމެނިފައި އެހެންނަމަވެސް ފްލެޓް ނުލިބޭނެ ކަމަށް ފަހުން ކަނޑައެޅުނު ހުރިހާ އެންމެންނަށް ފްލެޓް ހަމަޖައްސައިދެއްވާނެ ކަމަށެވެ.
ރައީސް ވަނީ އެކަން އެންމެ އަވަހަށް ފެށޭ ސޯޝަލް ހައުސިންއިން މަޝްރޫއެއްގެ ތެރެއިން ހަމަޖެހިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރި ހިޔާ ފްލެޓްތައް ލިބޭނެ ކަމަށް ލިޔުން ލިބި، ސަރުކާރު ބަދަލުވުމާ ގުޅިގެން ފްލެޓް ނުލިބު ކަމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ. އެ ލިސްޓް ގެޒެޓްކުރުމަށްފަހު ލިސްޓް ވެސް ވަނީ ބަދަލުކޮށްފައެވެ.