މޯލްޑިވްސް ކަސްޓަމްސް ސާވިސް ގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޑެޕިއުޓީ ކޮމިޝަނަރަކަށް އަންހެން ކަނބަލަކު އައްޔަން ކުރައްވައިފިއެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒު ޑެޕިއުޓީ ކޮމިޝަނަރުކަމުގެ މަގާމަށް އައްޔަންކުރައްވާފައިވަނީ ފާތިމަތު ދިޔާނާއެވެ. މިއަދު ކަސްޓަމްސް ބިލްޑިންގައި ބޭއްވި ރަސްމިއްޔާތެއްގައި ޑެޕިއުޓީ ކޮމިޝަނަރު އޮފް ކަސްޓަމްސްގެ މަގާމަށް އައްޔަންކުރެއްވިކަމުގެ ލިޔުމާއި މަގާމުގެ ފޮތިކޮޅު ދިޔާނާއާއި ހަވާލުކޮށްދެއްވީ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިއު މުހައްމަދެވެ.

ކަސްޓަމްސް އިން ދިޔާނާއަށް މަރުހަބާ ވިދާޅުވެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ ކަސްޓަމުގެ ތާރިހުގައިވެސް އަންހެން ބޭފުޅަކު ޑެޕިއުޓީ ކޮމިޝަނަރު އޮފް ކަސްޓަމްސް އަށް އައްޔަންކުރެއްވި ފުރަތަމަ ފަހަރުކަމަށެވެ. އަދި މިއީ މިންތީގެ ހަމަހަމަކަން ގާއުމުކޮށް އަންހެނުން ބާރުވެރިކުރުވުމަށް ކަސްޓަމުން ނެގި ހަރުދަނާ ފިޔަވަޅެއް ކަމުގައި ވަނީ ބުނެފައެވެ.

ކަސްޓަމްސްގައި 23 އަހަރު ހިދުމަތް ކުރައްވާފައިވާ ދިޔާނާ، ޑެޕިއުޓީ ކޮމިޝަނާ އޮފް ކަސްޓަމްސްގެ މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން ހުންނެވީ ޑެޕިއުޓީ ޗީފް ސުޕްރިންޓެންޑެންޓްގެ މަގާމުގައެވެ.