ވިޔަފާރި މުއާމަލާތްތަކުގައި މަކަރާއި ހީލަތް ހެދުމުގެ ކުށް ޓްރަމްޕްގެ މައްޗަށް ސާބިތުވެ 355 މިލިއަން އެމެރިކާ ޑޮލަރު ދައްކަން ޖެހިވަޑައިގެންފިއެވެ.

މަސްތަކަކަށް ދެމިގެން ދިޔަ ޝަރީއަތުގައި ހުކުމް އިއްވަމުން ފަޑިޔާރުން ބުނެފައި ވަނީ، ބިލިއަނަރު އަދި އެމެރިކާގެ ނިމިދިޔަ ދައުރުގެ ރައީސް ޑޮނާންޑް ޓްރަމްޕާއި އޭނާގެ އާއިލާ ވިޔަފާރީގައި ހިމެނޭ ހަރުމުދަލުގެ އަގު ބޮޑުކޮށްފައި ވަނީ އޮޅުވާލުމުގެ ތެރެއިން ކަމަށެވެ.

90 ސޮފްހާގެ މައްޗަށް އޮތް ހުކުމްގައި އިތުރަށް ބުނެފައި ވަނީ ޖޫރިމަނާ ދެއްކުމުގެ އިތުރުން ނިއުޔޯކްގައި އޮންނަ ޓްރަމްޕްގެ ވިޔަފާރީގެ ޑައިރެކްޓަރުކަމުން 3 އަހަރަށް ސަސްޕެންޑް ވެސް ކުރާ ކަމަށެވެ. ޓްރަމްޕާއެކު އޭނާގެ ދެ ދަރިކަލުންވެސް ވަނީ ސަސްޕެންޑް ކޮށް ކޮންމެ ބޭފުޅަކު 4 މިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާ ކޮށްފައެވެ.

މީގެ އިތުރުން ކުރީގެ ފައިނޭންޝަލް އޮފިސަރު އެލެން 1 މިލިއަން ޑޮލަރުން ޖޫރިމަނާ ކޮށް، މާލީ މުއާމަލާތްތަކާ ގުޅޭ އެއްވެސް ވަޒީފާއެއް އަދާކުރުން އުމުރު ދުވަހަށް އޭނާ އަށް ވަނި މަނާ ކޮށްފައެވެ.

ޓްރަމްޕަކީ މިހަރުގެ ފަހުކޮޅު އެމެރިކާގައި އޮންނަ ރިޔާސީ އިންތިހާބުގެ އިދިކޮޅު ކެންޑިޑޭޓެވެ. ވެރިކަމުގައި މިހާރު ހުންނެވި ޖޯ ބައިޑަން އަށް ވުރެ ޓްރަމްޕްގެ މަގުބޫލުކަން އެމެރިކާގެ ސްޓޭޓްތަކުގައި ބޮޑު އިރު ހިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކަނީ 54 ޕަސެންޓާއެކު ޓްރަމްޕް ކުރީގައި އޮއްވައެވެ.

މި ދައުވާގެ އިތުރުން ލިޔުންތެރިއެއް ކަމަށް އީ ޖީން ކެރޮލް އަށް ޖިންސީ ގޯނާ ކުރިކަމުގެ ކުށް ސާބިތުވެގެން 83 މިލިއަން އެމެރިކާ ޑޮލަރުވެސް ޓްރަމްޕަށް ދައްކަން ޖެހިފައި ވާ އިރު އޭނާ ވިދާޅުވަނީ، މި ދައުވާތަކަކީ އޭނާގެ މަގުބޫލު ކަމާ ހުރެ ބައިޑަންގެ ސަރުކާރުން ހަސަދަވެރިވެ ކުރަމުން ދާ ދައުވާތަކެކެވެ.