ރާއްޖެއިން އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ގެ ޕްރޮގްރާމެއްގައި ބައިވެރިވާކަށް ނުޖެހޭ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިފަދައިން ވިދާޅުވީ މާލީ ގޮތުން ރާއްޖެ ބަނގުރޫޓުވެފައިވާ ކަމަށާއި އެހެންކަމުން އައިއެންއެފްގެ ޕްރޮގްރާމެއްގައި ސަރުކާރުން ބައިވެރިވާން ނިންމާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވާހަކަތަކަށް ރައްދުދެއްވައެވެ.

ސައީދު ވިދާޅުވީ ރާއްޖޭގެ މާލީ ނިޒާމްގެ އިތުބާރު ގެއްލުވާލަން ފިލާ ތިބެ ބަޔަކު މަސައްކަތްކުރަމުންދާ ކަމަށާއި އަދި އެކަން ކުރަމުންދަނީ އިންތިޒާރުކުރި ގޯސް ހާލަތަށް ރާއްޖެ ވައްޓާނުލެވުމުން ސިޔާސީ ގޮތުން މާޔޫސްވެގެން ކަމަށެވެ.

ރާއްޖެ ވަކި ޕްރޮގްރާމެއްގައި ބައިވެރިވާކަށް ނުޖެހޭ ކަމަށާއި އިގްތިސޯދީ ހާލަތު އައްނަނީ ކުރީން ލަފާކުރި ވަރަށްވުރެން ވެސް ބާރަށް ރަނގަޅުވަމުން ކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ.

ސައީދު އެހެން ވިދާޅުވެފައިވާއިރު އައިއެމްއެފްގެ ހާއްސަ ވަފުދަކުން ރާއްޖެ ޒިޔާރަތްކުރެއްވުމަށްފަހު ނެރުނު ރިޕޯޓުގައި ވަނީ ރާއްޖޭގެ މާލީ ހާލަތު ރަނގަޅުކޮށް އިގުތިސާދު ހަރުދަނާކުރަން ސަރުކާރުގެ އިދާރާތަކުން އަޅަން ފަށާފައިވާ ފިޔަވަޅުތައް ފާހަގަކޮށް، މަރުހަބާ ކިޔާފައެވެ. އެގޮތުން ރާއްޖޭގެ އިގްތިސޯދު މިހާރު ވެއްޓިފައިވާ ވަޅުގަނޑަކަށް ވެއްޓުމުގެ އަސްލު ކަމަށްވާ ފައިސާ ޗާޕު ކުރުން ހުއްޓާލަން ނިންމާފައިވާ ނިންމުން އެ އިދާރާއިން ވަނީ ފާހަގަކޮށްފައެވެ

ވަލްޑް ގަވަމަންޓްސް ސަމިޓް 2024 ގެ ހަވާސާގެ ތެރެއިން އައިއެމްއެފްގެ މެނޭޖިން ޑިރެކްޓަރު ކްރިސްޓަލީނާ ޖޯޖީވާ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް ކުރެއްވި އިހްތިރާމުގެ ޒިޔާރަތުގައިވެސް ވަނީ ރައީސް މުއިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ އަގު ވަޒަންކުރައްވައި ދެމެހެއްޓެނިވި ގޮތެއްގައި އިގްތިސޯދީ ކުރިއެރުމާއި ހަމަޖެހުމަށް މަގު ފަހިކޮށްދެއްވުމަށްޓަކައި ހިކުމަތްތެރިކަމާއި ދުރު ވިސްނުންފުޅާއެކު ސަރުކާރުގެ ހިންގުމަށް އިސްލާހުތައް ގެނައުމަށް ރައީސް ދެއްވާ އަހަންމިއްޔަތު ފާހަގަކުރައްވާފައެވެ.