ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ ތިން އަހަރުގެ ތެރޭގައި، ރާއްޖޭގައި ބޭރުގެ 313 އިންވެސްޓްމެންޓް ރަޖިސްޓްރީކޮށް ތާރީގީ ރެކޯޑެއް ގާއިމުކުރައްވާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދުގެ އިތުބާރު ނެތްކަމަށް ވިދާޅުވެ އިދިކޮޅު އެމްޑީޕީގެ 13 މެންބަރަކު ސޮއިކުރައްވައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި މައްސަލާގައި މަޖިލީހަށް ޖަވާބުދެއްވަމުން މިއަދުގެ ޖަލްސާގައި ސައީދު ވަނީ ސަރުކާރުތަކުގެ ދައުރުތަކުގައި ރަޖިސްޓްރީކުރެވުނު ބޭރުގެ އިންވެސްޓްމެންޓްތަކުގެ ތަފާސްހިސާބުތައް އާންމުކުރައްވާފައެވެ.

އެގޮތުން ހާމަކުރެއްވި ތަފާސްހިސާބުތަކަށް ބަލާއިރު:

  • 2008 - 2013: 212 އިންވެސްޓްމެންޓް
  • 2013 - 2018: 406 އިންވެސްޓްމެންޓް
  • 2018 - 2022: 245 އިންވެސްޓްމެންޓް
  • މި ސަރުކާރުގެ ތިން އަހަރު: 313 އިންވެސްޓްމެންޓް

މިނިސްޓަރު ވިދާޅުވީ ނޮވެމްބަރު 17، 2023 އިން ފެށިގެން މިދިޔަ ކުރު މުއްދަތުގެ ތެރޭގައި ގެނެވުނު 313 އިންވެސްޓްމެންޓަކީ ސަރުކާރުގެ އިތުބާރާއި މަސައްކަތުގެ ނަތީޖާ ކަމަށެވެ. އަދި ދައުލަތުގެ ފައިސާއާއި މުދާ އަމާނާތްތެރިކަމާއެކު ބަލަހައްޓަމުން އަންނަ ކަމަށާއި، މައުލޫމާތު ހާމަކުރުމުގައި އިކޮނޮމިކް މިނިސްޓްރީ ވެގެންދާނީ ނަމޫނާ މިނިސްޓްރީއަކަށް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އިތުބާރު ނެތް ކަމަށް ފާސްކުރަން ހުށަހަޅާފައިވާ މައްސަލާގައި ފާހަގަކޮށްފައިވާ ޑޮލަރުގެ މައްސަލައަށް އަލިއަޅުއްވަމުން މިނިސްޓަރު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރުން، ކުރީގެ ސަރުކާރަށް ވުރެ 80 ޕަސެންޓް އިތުރަށް ރަސްމީ ރޭޓުގައި ޑޮލަރު ދޫކޮށްފައިވާކަމަށެވެ. ބޭރު ފައިސާގެ އެކްސްޗޭންޖް ރޭޓާ ބެހޭ ސިޔާސަތުތައް ކަނޑައެޅުމަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގާނޫނީ ޒިންމާއެއްކަން ފާހަގަކޮށް މިނިސްޓަރު ވަނީ އެ މައްސަލާގައި އޭނާއާ ސުވާލުކުރައްވަމުންދާތީ، އެކަމާ ގުޅޭ ތަފާސްހިސާބުތައް އޭނާ ވަނީ މަޖިލީހާ ހިއްސާކުރައްވައިފަ އެވެ.

އެގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2021 ވަނަ އަހަރުން ފެށިގެން ނޮވެމްބަރު 17، 2023އާ ހަމައަށް ރަސްމީ ރޭޓުން ދޫކޮށްފައި ވަނީ 1.75 ބިލިއަން ޑޮލަރުކަން ފާހަގަކުރައްވާފައިވެއެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ މިވީ ގާތްގަނޑަކަށް ތިން އަހަރުގެ ތެރޭގައި ރަސްމީ ރޭޓުން ދޫކުރި ޑޮލަރުގެ އަދަދު 1.9 ބިލިއަނަށް (ޖުމްލަ 1.94 ބިލިއަން ޑޮލަރަށް) އަރާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކުރީ ސަރުކާރުގެ ފަހު ތިން އަހަރާ އަޅާބަލާއިރު، މި ސަރުކާރުގެ ތިން އަހަރު މަހެއްގެ މައްޗަށް ޑޮލަރު ދޫކުރި މިންވަރު ހުރީ ގާތްގަނޑަކަށް 97 ޕަސެންޓު އިތުރަށްކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކުން ވަކިވަރަކަށް ޑޮލަރު މާރުކުރަން މަޖުބޫރުކުރުން ފަދަ މުހިންމު ފިޔަވަޅުތަކެއް މި ސަރުކާރުން އެޅުމުގެ ސަބަބުން ޑޮލަރު ދޫކުރެވުނު މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އަދި މިހާރު ރާއްޖޭގައި ޑޮލަރުގެ ދަތިކަން ބޮޑުވެފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކަކީ ހަގީގަތާ ހިލާފު ދޮގު ތުހުމަތުތަކެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.