އައްޑޫ ސިޓީން ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ރަށްރަށުގެ ތެރެއިން ފޭދޫ އިން ގޯއްޗަށް ކުރިމަތިލި މީހުންގެ ތެރެއިން 300 މީހުންނަށް ދޭނެ ގޯތި ކަނޑައެޅުމަށް ބާއްވާ ގުރުއަތުލުން މި މަހުގެ 18 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ، ފޭދޫ އަވަށުން ގޯއްޗަށް އެދުނު މީހުންގެ ދާއިމީ ލިސްޓް"ގެ ކެޓެގަރީ "A" އަދި "B" ގައި ހިމެނޭ ފަރާތްތަކަށް ދޭނެ ގޯތި ކަނޑައެޅުމަށް ގުރުއަތު ނެގުން އަންނަ އާދިއްތަ ދުވަހުގެ މެންދުރު ފަހު 2:30 އިން ފެށިގެން ފޭދޫ ސްކޫލްގެ ހޯލްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން ގުރުއަތު ނެގޭނީ ކެޓެގަރީ Aގެ ޝުމާރު ނަންބަރު 01 ން 270 އާއި ކެޓެގަރީ Bގެ ޝުމާރު ނަންބަރު 01 ން 30 އަށް ކަމަށް އެ ކައުންސިލުން ބުނެއެވެ. ކެޓެގަރީ A ގެ ޝުމާރު ނަންބަރު 271 އަދި ކެޓެގަރީ B ގެ ޝުމާރު ނަންބަރު 31 އިން ފެށިގެން މައްޗަށް ހުރި ނަންބަރުތަކުގެ ގުރުއަތު ނަގާނެ ތާރީހު ފަހުން އިއުލާން ކުރާނެ ކަމަށް އެ ކައުންސިލުން ބުނެއެވެ.

ގުރުއަތުނެގުމަށް އަންނަ އިރު މުއްދަތު ހަމަނުވާ އައިޑީކާޑު ގެނައުމަށް އެ ކައުންސިލުން ބުނެއެވެ. އަދި ގުރުއަތުލާން ނާދެވޭ ފަދަ ހާލަތެއް ދިމާވާ ނަމަ ބަދަލުގައި މީހަކު ފޮނުއްވާނަމަ ސަބަބު ބަޔާންކޮށް ސިޓީއަކާއެކު އައިޑީކާޑު ކޮޕީ އަދި ބަދަލުގައި އަންނަ ފަރާތުގެ މުއްދަތު ހަމަނުވާ އައިޑީކާޑު ގެނައުމަށް އެ ކައުންސިލުން ބުނެއެވެ.

އައްޑޫގެ ހަތަރު ރަށަކުން ޖުމްލަ 4،052 ގޯތި ދޫކުރުމަށް ހަމަޖެހިފައި ވާއިރު ފުރަތަމަ މަރުހަލާގައި ޖުމްލަ 1000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ގޮތުން ހިތަދޫއިން 500 ގޯތި، ފޭދޫއިން 300 ގޯތި، ހުޅުދޫއިން 100 ގޯތި، އަދި މީދޫއިން 100 ގޯއްޗެވެ. ހުޅުދޫ އާއި މީދޫ އިން 2،000 އަކަފޫޓުގެ ގޯތި ދޫކުރާއިރު ހިތަދޫއާއި ފޭދޫއިން ދޫކުރުމަށް ހަމަޖެހިފައި ވަނީ 1،500 އަކަފޫޓުގެ ގޯއްޗެވެ.