ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އައްޑޫގެ ތަރައްގީއަށް އެއްވެސް އެއްބާރުލުމެއް ނުދޭ ކަމަށާއި، އޭގެ ބަދަލުގައި ސަރުކާރުން ޖެއްސުން ކުރަމުންދާ ކަމަށް އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރު ތުހުމަތުކުރައްވައިފިއެވެ.
އައްޑޫ ސިޓީގެ ތަރައްޤީއަށްޓަކައި އައްޑޫ ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތްތަކަށާއި ރާވާފައިވާ ޕްލޭންތަކަށް ސަރުކާރުގެ ފަރާތުން ބޭނުންވާ އެއްބާރުލުން ލިބެމުން ނުދާކަމަށް ބުނެ އައްޑޫ ސިޓީ ކައުންސިލުން މިއަދު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި މޭޔަރުގެ އެންމެ ބޮޑު ކަންބޮޑުވުމަކަށްވީ، ފޭދޫ އާއި މަރަދޫފޭދޫ ދެމެދުގައި އޮންނަ ސަވާހެލި ރިކްރިއޭޝަން ފެސިލިޓީއެއްގެ ގޮތުގައި ތަރައްގީކުރުމަށް ކައުންސިލުން އިއުލާންކޮށް ބިޑް ޑޮކިއުމަންޓްތައް ވެސް ދޫކޮށްފައިވަނިކޮށް، ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އެ ރަށް ކައުންސިލްގެ އިހުތިސާސުން ވަކިކުރެއްވި މައްސަލައެވެ.
މިކަމާއި ގުޅޭ ގޮތުން ނިޒާރު ވިދާޅުވީއައްޑޫ ސިޓީގެ އިހުތިސާސުން ސަވާހެލި ވަކިކޮށް، ސަރުކާރުން އެ ސިޓީގެ ތަރައްގީއަށް ހުރަސް އަޅަމުންދާ ކަމަށެވެ. ސަވާހެލި އިހުތިސާސުން ވަކިކުރީ ކައުންސިލާ އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި، ރޭގަނޑުގެ ވަގުތެއްގައި ނެރުއްވި ގަރާރަކުން ކަމަށް މޭޔަރު ވިދާޅުވިއެވެ. މިފަދަ ކަންކަން ސަރުކާރުން ކުރަނީ އައްޑޫއަށް ނިސްބަތްވާ ބައެއް މަޖިލިސް މެންބަރުންގެ އެދުމުގެ މަތިން، އައްޑޫގެ ތަރައްގީއަށް ހުރަސްއެޅުމުގެ ގޮތުން ކަމަށް މޭޔަރު ތުހުމަތު ކުރެއްވިއެވެ.
ސަވާހެލިއަކީ އައްޑޫ ރައްޔިތުންގެ ތަނެއް ކަމަށާއި، އެ ރަށް ވީހާވެސް އަވަހަކަށް އަނބުރާ ކައުންސިލާ ހަވާލުކުރުމަށް މޭޔަރު ގޮވާލެއްވިއެވެ. އަދި ހަވާލުކޮށްފިނަމަ ރައްޔިތުންނަށްޓަކައި އެތަން ތަރައްގީކޮށްދޭނެ ކަމުގެ 100 ޕަސެންޓު ޔަގީންކަން ނިޒާރު ދެއްވިއެވެ.
