އައްޑޫ ސިޓީ ކައުންސިލާ، އައްޑޫގެ ރައްޔިތުންގެ އެއްވެސް މަޝްވަރާއެއް ނެތި، "ސަވާހިލި" ސިޓީ ކައުންސިލްގެ އިހްތިސާސުން ވަކިކުރުމަށް ސަރުކާރުން ނިންމި ނިންމުމަކީ އައްޑޫގެ މަޖިލިސް މެންބަރެއްގެ ހައިސިއްޔަތުން ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަބްދުއްﷲ ސޯދިގު (ސޯބެ) ވިދާޅުވެއްޖެއެވެ.
ސޯދިގު ވިދާޅުވީ، ސަރުކާރުގެ މި ނިންމުމަކީ އައްޑޫގެ ތަރައްގީއަށްޓަކައި ރައްޔިތުންގެ މަޝްވަރާއާއެކު ސިޓީ ކައުންސިލުން ރާވާފައިވާ މުހިންމު އިގްތިސާދީ ތަރައްގީގެ ރޭވުންތައް ހުއްޓުވައި، ރައްޔިތުން ބިކަކޮށް، އެ ރައްޔިތުންނަށް ލިބެންއޮތް މަންފާތައް ހުއްޓުވުމަށް ނިންމާފައިވާ ވަރަށް "ޒާތީ" ނިންމުމެއް ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަމާޒަކީ ލާމަރުކަޒީ އުސޫލުން ސިޓީގެ އިގްތިސާދީ ތަރައްގީއަށް ކުރަމުންދާ މަސައްކަތްތައް ހުއްޓުވާލުން ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.
އައްޑޫގެ އިހްތިސާސަށް ބަދަލުުގެނައީ ކައުންސިލާއި ރައްޔިތުންގެ އެއްވެސް މަޝްވަރާއެއް ނެތިކަން ފާހަގަކުރައްވަމުން ސޯދިގު ވިދާޅުވީ ހަންކެޑެ އާއި ހިތަދޫ ހިއްކި ބިމުގައި ފަތުރުވެރިކަން ތަރައްގީކުރުމުގެ އެއްވެސް މަސައްކަތެއް ސަރުކާރަށް ފެށިފައި ނުވާއިރު، ސަވާހިލި ތަރައްގީކުރުމަށް އެއްވެސް މަސައްކަތެއް ކުރެވޭނެކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.
މި މައްސަލައަށް އަވަސް ހައްލެއް ހޯދައި، ރައްޔިތުންގެ މަޝްވަރާއާއެކު އަލުން ސިޓީ ކައުންސިލްގެ އިހްތިސާސްގެ ތެރެއަށް ސަވާހިލި ބަދަލުކޮށް، އައްޑޫ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކަށް އެތަން ތަރައްގީކުރުމުގެ ފުރުސަތު އައްޑޫ ސިޓީ ކައުންސިލަށް ދިނުމަށް ސޯދިގު ވަނީ ގޮވާލައްވާފައެވެ.
