އެމެެރިކާގެ ރިޔާސީ އިންތިހާބު އަންނަ އަހަރު އޮންނަ އިރު ވެރިކަމަށް އެންމެ ކަމުދާ ބޭފުޅަކާ ބެހޭ ގޮތުން ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން ވާހަކަ ދައްކަވައިފިއެވެ.

ރަޝިއާގެ ވެރިރަށް ކްރިމިއާގައި ދެއްވި ޓީވީ އިންޓަވިއުއެއްގައި ޕްރެޒެންޓަރުގެ ސުވާލަށް ޖަވާބު ދެއްވަމުން ޕުޓިން ވިދާޅުވީ، ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް ވުރެ ވައިޓްހައުސް އަށް [އެމެރިކާގެ ރައީސް އަކަށް] ރަނގަޅީ މިހާރުގެ ރައީސް ޖޯ ބައިޑަން ކަމަށާއި އޭނާ އަކި ދުރުވިސްނިވަޑައިގަންނަވާ ތަޖުރިބާކާރު ބޭފުޅެއް ކަމަށެވެ.

2016 ގައި ޓްރަމްޕް ވެރިކަމަށް ވަޑައިގެންނެވި އިރު ޕުޓިން ވިދާޅުވެފައި ވަނީ އެއީ ތަފާތު އަދި ހުނަރު ހުރި ބޭފުޅެއް ކަމަށެވެ.

މިފަހަރު ބައިޑަން އަށް ތައުރީފް ކުރައްވައި ޕުޓިން ވާހަކަ ދެއްކެވި އިރު، ބައިޑަން ވަނީ ޕުޓިން އަކީ "ގާތިލެއް" ކަމަށް ވިދާޅުވެ ޔޫކްރައިން ހަނގުރާމަ އާ ގުޅުވައި ތަފާތު ތުހުމަތުތައް ކުރައްވާފައެވެ. އެހެން ނަމަވެސް ޕުޓިން ވިދާޅުވީ، ރަޝިއާ އަށް ބޮޑަށް ރަނގަޅުވާނީ ވެރިކަމުގައި ބައިޑަން ހުންނެވިއްޔާ ކަމަށާއި އެއީ މުސްކުޅި ސްޓައިލްގެ ސިޔާސަތުތައް ގެންގުޅުއްވާ މާ ތަޖުރިބާކާރު ބޭފުޅެއް ކަމަށެވެ.

މި ޝޯވްގައި ޕްރެޒެންޓަރު ވަނީ ބައިޑަންގެ އުމުރާއި އޭނާގެ ސިކުނޑީގެ މައްސަލަތައް ހުންނަ ކަމަށް މީޑިއާގައި ދެކެވޭ ވާހަކަތަކާ ގުޅޭ ގޮތުންވެސް ސުވާލު ކޮށްފައެވެ. އެ ސުވާލުތަކުގެ ޖަވާބުގައި ޕުޓިން ވިދާޅުވީ، މީގެ 3 އަހަރު ކުރިން ބައިޑަން އާ ބައްދަލުވެވަޑައިގެންވި ކަމަށާއި އެފަދަ ކަމެއް ފާހަގަ ކުރެއްވިފައި ނުވާ ކަމަށެވެ. އަދި އެއީ މީޓިންތަކާއި އެހެންވެސް ވަގުތުތަކުގައި ބައިޑަން ކަރުދާހަށް ބައްލަވާ ވާހަކަ ކަމަށް ވާނަމަ އޭނާ [ޕުޓިން] ވެސް ކަރުދާހަށް ބައްލަވާ ކަމަށް ވިދާޅުވިއެވެ.

ޕުޓިން، ބައިޑަން އަށް ތައުރީފު ކުރެއްވި ނަމަވެސް އޭނާ ވަނީ ޔޫކްރައިން ހަނގުރާމަ އާ ގުޅުވައި ބައިޑަން ދެއްކެވި ވާހަކަތަކީ "އަސްލެއް ނެތް ނުރައްކާތެރި ވާހަކަތަކެއް" ކަމަށް ވިދާޅުވެފައެވެ.

ޕުޓިން އާ ގުޅޭގޮތުން މީގެ ކުރިންވެސް ތައުރީފުގެ ބައްތައް ވިދާޅުވާ ޓްރަމްޕް ދާދިފަހުންވެސް ވިދާޅުވެފައި ވަނީ، ޕުޓިން އާއި އޭނާ އަކީ ވަރަށް ގުޅޭ ދެބޭފުޅުން ކަމަށް ވިދާޅުވެފައެވެ. އަދި މިހާރު ކުރިއަށް ދާ ރިޔާސީ ކެމްޕެއިންގެ ތެރޭގައި އޭނާ ވަނީ، އެއްބަސްވެފައި ވާ ގޮތަށް ފައިސާ ނުދައްކާ ނޭޓޯގެ ގައުމުތަކަށް ހަމަލާ ދޭން ޕުޓިން އަށް ގޮވާލައްވާފައެވެ. އޭނާ ވިދާޅުވީ، ނޭޓޯ ސަލާމަތް ކުރުމަށް ހިނގާ ހުރިހާ ހަރަދެއް އެމެރިކާ އަށް ނުދެވޭނެ ކަމަށާއި އެއްބަސްވެފައި ވާ "ބިލްތަކަށް ފައިސާ ނުދައްކާ" މީހުންނަށް ހަމަލާ ދިނަށް ވަރިހަމަ ކަމަށެވެ.

ޕުޓިން އިތުރަށް ވިދާޅުވީ، އެމެރިކާގެ ރައްޔިތުން ކޮންމެ މީހަކު ރައީސަކަށް ހޮވި ކަމުގައި ވިޔަސް އެބޭފުޅަކާއެކު ރަޝިއާއިން މަސައްކަތް ކުރާނެ ކަމަށެވެ.