މާލޭ ސަރަހައްދުގެ ބޯހިޔާވަހިކަމަށް ހައްލު ހޯދައި ދިނުމަށް މާލެ ސަރަހައްދުގައި އޮންނަ ގުޅިފަޅުން ބިން ހިއްކުމަށް ކުރާ މަސައްކަތް ވަގުތީ ގޮތުން މަޑުޖައްސާލުމަށް ހައި ކޯޓުން ނެރުނު އަމުރު ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ނިންމައިފިއެވެ.

މި މައްސަލަ އިސްތިއުނާފު ކުރަން ބަންޑާރަ ނައިބުގެ އޮފީހުން ނިންމާފައިވާ ކަމަށް ބަންޑާރަ ނައިބު އަހްމަދު އުޝާމް ވަނީ ވިދާޅުވެފައެވެ.

ގުޅިފަޅު ޕްރޮޖެކްޓަކީ އެތައް ބިލިއަން ރުފިޔާގެ އަގުހުރި ޕްރޮޖެކްޓެއްކަން ފާހަގަ ކުރައްވާ އުޝާމް ވިދާޅުވީ ގުޅިފަޅު ބިން ހިއްކުމުގެ 80 ޕަސެންޓު މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި އެ މަސައްކަތް ހުއްޓިފައި އޮންނަ ކޮންމެ ދުވަހަކު ދައުލަތަށް އެތައް މިލިއަން ރުފިޔާގެ ގެއްލުން ވާނެ ކަމަށެވެ.

ދައުލަތުގެ ފަރާތުން ހައިކޯޓުގެ އެ އަމުރު ސްޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް ނިންމާފައި ވަނީ އެ މަސައްކަތް ހުއްޓިފައި އޮތުމުން ދައުލަތަށް އެތައް މިލިއަން ރުފިޔާގެ ގެއްލުން ވާނެތީ ކަމަށް ވެސް އުޝާމް ވަނީ ވިދާޅުވެފައެވެ.

ގުޅިފަޅު ބިން ހިއްކުން މަޑު ޖައްސާލުމަށް ހައިކޯޓުން އަންގާފައި ވަނީ، އާމުންގެ މީހަކު ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި އެ މަޝްރޫއު ހުއްޓާލުމަށް ސިވިލް ކޯޓުން އަމުރު ކޮށްފައި ނުވާތީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަަ ބެލުމަށް ފަހުގައެވެ.

ގުޅިފަޅު ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދަނީ ތިމާވެށްޓަށް ގެއްލުން ލިބޭ ގޮތަށް ކަމަށް ބުނެ، އެ މައްސަލަ ނިމެންދެން އެ މަޝްރޫއު މަޑުޖައްސާލަން އެދިފައި ވީ ނަމަވެސް ސިވިލް ކޯޓުން ނިންމީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ. ސިވިލް ކޯޓުގެ މި ނިންމުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ މައްސަލަ ބަލައި ހައިކޯޓުން އިއްޔެ ނިންމާފައި ވަނީ ވަގުތީ ގޮތުން އެ މަޝްރޫއު މަޑުޖައްސާލުމަށެވެ. އަދި މަޑުޖައްސާލަން އެދިފައި ވަނީ ސިވިލް ކޯޓުގައި ކުރިއަށް ގެންދާ މައްސލަަ ވަކި ގޮތަކަށް ނިމެން ދެން ކަމަށް ވެސް ހައި ކޯޓުން ބުނެފައި ވެއެވެ.

ހައި ކޯޓުގެ ހުކުމުގައި ވަނީ އެ މައްސަލާގައި އެންވަޔަރްމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ގައި ކަނޑައަޅާފައިވާ މިންގަނޑުތަކާ ހިލާފަށް އަމަލު ކޮށްފައިވާ ކަމަށާއި އަދި އެކަމުގެ ސަބަބުން ތިމާވެށްޓަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެކަން އެނގޭއިރު އެކަންކަން ނަފީ ކުރާނެ ހެއްކެއް ދައުލަތުން ދައްކާފައި ނުވާ ކަމަށެވެ. އެހެންކަމުން އެ ހާލަތުގައި ތިމާވެށި ހިމާޔަތް ކުރުމަށްޓަކައި ޕްރެކޯޝަނަރީ ޕްރިންސިޕަލްގެ ދަށުން ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް އެ ހުކުމުގައި ވެއެވެ.

އެ މައްސަލާގައި ވަގުތީ އަމުރެއް ނުނެރެފިނަމަ ތިމާވެށި ހަލާކުވުމުގެ ސަބަބުން މައްސަލަ ހުށަހެޅި ފަރާތާއި އާންމުންނާއި އަންނަން އޮތް ޖީލުތަކަށް އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް ލިބިދާނެ ކަމަށް ވެސް ހައިކޯޓުން ބުނެއެވެ. އަދި މަޝްރޫއު ހުއްޓާލުމުގެ ސަބަބުން ދައުލަތަށް ލިބޭނެ ކަމަށް ބެލެވޭ މާލީ ގެއްލުންތަކަށް ވުރެ މަޝްރޫއު ކުރިއަށް ގެންގޮސްފި ނަމަ ތިމާވެށްޓަށް ލިބިދާނެ ކަމަށް ބެލެވޭ ގެއްލުންތައް މާ ބޮޑު ކަމަށް ވެސް ހައިކޯޓުން ބުނެއެވެ.

އެގޮތުން ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ އާއި ފަނޑިޔާރު ހުޒައިފާ މުހައްމަދުގެ އަޣުލަބިއްޔަތުން ކުރެއްވި ހުކުމުގައި އަންގާފައިވަނީ ސިވިލް ކޯޓުގައި އޮތް މައްސަލަ ނިމެންދެން ގުޅީފަޅު ހިއްކުމުގެ ހުރިހާ މަސައްކަތެއް މަޑުޖައްސާލުމަށެވެ.

ނަމަވެސް މި މައްސަލާގައި ރައުޔު ތަފާތުވި ފަނޑިޔާރު މުހައްމަދު ނިޔާޒްގެ ރައުޔަކީ ހައި ކޯޓުން އިތުރަށް ގޮތެއް ނިންމަން ޖެހޭ ކަމެއް އެ މައްސަލާގައި ނެތް ކަމަށެވެ. ފަނޑިޔާރު ނިޔާޒްގެ ރައުޔަކީ ތިމާވެށްޓަށް ގެއްލުން ލިބޭ މަޝްރޫއުއެއް ނަމަ ތިމާވެށި ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން މިނިސްޓަރަށް އެކަން އެންމެ ފުރަތަމަ ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި އެކަމާ މެދު މިނިސްޓަރު ނިންމި ނިންމުމެއް ނެތި ކޯޓުން އެފަދަ މައްސަލަތައް ބެލުމަކީ ތަރުތީބު އޮޅިގެންދާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.