ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގައި ވާދަ ކުރުމަށް ފޯމް ހުށަހަޅާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ނަން އަނބުރާ ގެންދަން ބޭނުންވާ ކެންޑިޑޭޓުންނަށް މި މަހުގެ 16 އާ ހަމައަށް ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ، މަޖިލިސް އިންތިހާބަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ނަން އަނބުރާ ގެންދިއުމަށް ބޭނުންވާ ފަރާތްތަކަށް މި މަހުގެ 16 ވާ ހުކުރު ދުވަހުގެ މެންދުރު ފަހު 2:00 ގެ ކުރިން ފޯމު ހުށަހެޅޭނެ ކަމަށެވެ. ނަން އަނބުރާ ގެންދަން ބޭނުންވާ ފަރާތްތަކުން ހުށަހަޅަން ޖެހޭ ފޯމް މި ލިންކުން ލިބޭނެ ކަމަށް އީސީން ބުނެއެވެ.

މަޖިލިސް އިންތިހާބަށް ކުރިމަތިލުމުގެ ސުންގަޑި ވަނީ މިއަދު މެންދުރުފަހު 2:00 އަށް ހަމަވެފައެވެ. ވަގުތު ހަމަވި އިރު، 381 ފަރާތެއް ވަނީ ފޯމް ހުށަހަޅާފައެވެ. އެ ގޮތުން މިއަދު އެކަނި ވެސް ވަނީ 91 ފަރާތެއް ފޯމް ހުށަހަޅާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓު ނެގުމަށް ހަމަޖައްސާފައި ވަނީ، މާޗު މަހުގެ 17 ވާ އާދީއްތަ ދުވަހުގެ ހެނދުނު 9:00 ން ހަވީރު 5:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހުގެ އިރުއޮއްސި 6:45 ގައެވެ.