މާލޭގެ މިސްކިތްތައް ފޮޅާއި ސާފުކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުންގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިއުމަށް އެ ކައުންސިލުން ނިންމައިފިއެވެ.

ކުރިން ކުންފުނިތަކާ ހަވާލުކޮށްގެން ކުރަމުން އައި އެ މަސައްކަތް ސިޓީ ކައުންސިލުން ކުރާ ގޮތަށް ބަދަލުކުރުމަށް ފާސްކޮށްފައިވަނީ މިއަދު ބޭއްވި ސިޓީ ކައުންސިލުގެ އާންމު ޖަލްސާގައެވެ.

މި ޖަލްސާގައި މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ ކައުންސިލުން އެ މަސައްކަތް ކުރިޔަސް ވަކި އިތުރު ހަރަދެއް ނުހިނގާނެކަމަށެވެ. މިހާރު ކުންފުނިތަކުން އެ މަސައްކަތް ކުރަނީ މަހަކު 2.2 މިލިއަން ރުފިޔާއަށްކަން ފާހަގަކުރައްވަމުން އާދަމް އާޒިމް ވިދާޅުވީ ކައުންސިލުން އެ މަސައްކަތްކުރާއިރު ވެސް ހަރަދު ވަނީ 2.1 މިލިއަން ރުފިޔާ ކަމަށެވެ.

މިސްކިތްތައް ސާފުކުރުމުގެ މަސައްކަތް ބަޔަކާ ހަވާލު ކުރުމުން އޭގެ ނަތީޖާ އެހާ ރަނގަޅު ނޫންކަން ފާހަގަކުރައްވަމުން މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވީ މިސްކިތްތައް ރަނގަޅަށް ނުބެލެހެއްޓޭކަމުގެ ޝަކުވާތައް ލިބެމުން އަންނަކަމަށެވެ. އެހެންނަމަވެސް ކުންފުނިތަކުން އެ މަސައްކަތް ނަގާފައިވުމުން، އެކަން ކުރަމުން ދިޔައީ ބިދޭސީންކަމަށާ އެއީ ކައުންސިލަށް ޖަވާބުދާރީވެވޭނެ ފަދަ މުވައްޒަފުންތަކެއް ނޫންކަމަށް ނަރީޝް ވިދާޅުވިއެވެ.

ކުރިއަށް އޮތް ރަމަޟާން މަހަށް މާލޭގައި ހުރި މިސްކިތްތައް ބަލަހައްޓާ އެތަންތަނުގެ އާބާތުރަ ފިލުވުމާއި މަރާމާތުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.