މިހާރު އޮލިމްޕަސް ސިނަމާގައި އަޅުވާފައި އޮތް އައިފިލްމްސްގެ ފިލްމު "ކަންބަޅި" ގެ ޓައިޓަލް ލަވަ ދައްކާލައިފިއެވެ
މި ފިލްމު ބަލަން ޕްރިމިއާ ނައިޓްއަށް ދިޔައިރު ފިލްމުތެރެއިން އެ ލަވަ އަޑުއިވުނު ހިސާބުން ފެށިގެންވެސް ވެސް ފިލްމުގެ ޓައިޓަލް ލަވަ "ކަންބަޅި" ކަމުދިޔައެވެ. ގެއަށް އައި އިރު އެ ލަވައިގެ ބައެއް ތަންތަންކޮޅު ސިކުނޑީގައި ހަރުލާފައި ހުއްޓެވެ. ކޮންމެއަކަސް މާނަ ފުން ލަވައެކެވެ. އަޑު އަހާލަން ފަސޭހަ ހިތްގައިމު މި ލަވައިގެ މެލޮޑީ އަދި ލިރިކްސް ތައްޔާރުކުރީ އާސިމް އަލީއެވެ. ޝަހީދު ލެގަސީ މިއުޒިކް ހަދާފައިވާ މި ލަވަ ކިޔާފައިވަނީ މޯލްޑިވިއަން އައިޑަލް އިން ވިދާލި މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު މުއައްޒިން ނައީމް އެވެ.
ފިލްމުގެ ލީޑުންގެ ގޮތުގައި ނުޒުހަތު ޝުއައިބު، ވާޝިޔާ މުހައްމަދު، ޝަރަފުއްދީން އަބްދުﷲ (ޝަރަފް) އަދި އިފްނާޒް ފެނިގެންދާނެއެވެ. ހަމައެއާއެކު ފިލްމަށް އަލަށް ތައާރަފްވާ އުމުރުން ހަ އަހަރުގެ ސާރާގެ މުހިއްމު ރޯލެއް ފިލްމުން ފެނިގެންދާނެއެވެ. އަދި އިޝްފާން ވެސް މި ފިލްމުން ދިވެހި ފިލްމު އިންޑަސްޓްރީ އަށް ތައާރަފްވެގެންދާނެއެވެ. މި ތަރިންގެ އިތުރުން ފިލްމުން ފެނިގެންދާނެ މުހިއްމު ތަރިންނަކީ ތާތި އާދަމް، މުޙައްމަދު އަފްރާހް، މޫސާ އަލީފް، ހާޒިފް މުހައްމަދު، އަލީ ނަދީހް (ޗަންނަ)، މުހައްމަދު ނަޖަހް އަހުމަދު ރައޫފް، ހުސައިން ސާމިހް މުހައްމަދު، ވިކީ، ފާތުމަތު ލަތީފާ އަދި ދީނާ އަހްމަދު (ޖެރީ) އެވެ. ފިލްމުގެ ޕްރޮޑިއުސަރުންނަކީ އިއްލެ އާއި އާސިމް އަލީއެވެ. މި ފިލްމުން ފެނިގެންދަނީ އިންސާނުން ތެރެއިން ބަޔަކު ކުރާ ފިނޑި އަމަލެއްގެ ސަބަބުން ބަޔަކު މީހުންގެ ހަޔާތް ބަރުބާދުވާތަނެވެ. ފަންޑިތައިގެ ސަބަބުން އާއިލާއެއްގެ ދިރިއުޅުން ހަލާކުވެ ނިމުން އައި ގޮތެވެ.
މިއަހަރު ފުރަތަމަ ސިނަމާއަށް ގެނެސްފައިވަނީ އަޒްހާން ގެ ފުރަތަމަ ފީޗާ ފިލްމު "މީ އިޝްގް" އެވެ. މި ފިލްމުގައި ލީޑު ތަރިންނަކީ އާމިނަތު ރަޝްފާ (އާޝާ) އާއި ޝަރަފް އެވެ.