20 ވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިހާބު ކުރުމަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު އިތުރު ނުކުރާނެ ކަމަށާއި މުއްދަތު ހަމަވުމުގެ ކުރިން ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން ފޯމް ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބު ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މާޗް މަހުގެ 17 ވަނަ ދުވަހުއެވެ.
މަޖިލިސް އިންތިހާބުގައި ވާދަ ކުރުމަށް މިދިޔަ މަހުގެ 30 ވަނަ ދުވަހު ހުޅުވާލާފައިވާ އިރު، އެ ފުރުސަތު އޮންނާނެ ކަމަށް ބުނެފައި ވަނީ މާދަމާގެ މެންދުރު ފަހު 2:00 އާ ހަމައަށެވެ. އެންމެ ފަހުގެ ވަގުތު ހަނދާން ކޮށްދެމުން އީސީން ބުނީ، އެންމެ ފަހު ވަގުތަށް މަޑުނުކޮށް އަވަހަށް ފޯމް ހުށަހެޅުމަށާއި، މުއްދަތު އިތުރު ނުކުރާނެ ކަމަށެވެ.
މި އިންތިހާބަށް އެޕްލިކޭޝަން ފޯމު ދޫކުރުމާއި ބަލައިގަތުން ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 2:00 އަށް ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި އޮންނާނެއެވެ. އަދި ހުކުރު ދުވަހު މެންދުރުފަހު 2:00 އިން ހަވީރު 4:00 އަށް ފޯމް ބަލައިގަތުން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓު ނެގުމަށް ހަމަޖައްސާފައި ވަނީ، މާޗު މަހުގެ 17 ވާ އާދީއްތަ ދުވަހުގެ ހެނދުނު 9:00 ން ހަވީރު 5:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހުގެ އިރުއޮއްސި 6:45 ގައެވެ.
މަޖިލިސް އިންތިހާޞަށް މިހާރު ގިނަ ބަޔަކު ކުރިމަތިލަމުން އަންނަ އިރު، މިހާތަނަށް 183 ފަރާތެއް ކުރިމަތިލާފައިވާ ކަމަށް އީސީން ބުނެއެވެ. އެ ގޮތުން އިއްޔެ އެކަނިވެސް 115 ފަރާތަކުން ވަނީ ފޯމް ހުށަހަޅާފައެވެ.