ރާއްޖެއާ ތުރުކީއާއި ދެމެދު އޮންނަ ގުޅުން ވަރުގަދަ ކުރުމަށް ތުރުކީގައި ރާއްޖޭގެ އެމްބަސީއެއް ގާއިމުކޮށްފިއެވެ.

ތުރުކީގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވަން ވަޒީރުންގެ މަޖިލީހުން ނިންމީ މިދިޔަ އަހަރުގެ ޑިސެމްބަރު 10 ގަކަމަށް ވާއިރު، ރައީސް އޮފީހުން ބުނީ، "ތުރުކީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ"ގެ ނަމުގައި އިދާރާއެއް މިއަދު އުފައްދަވާފައިވާ ކަމަށެވެ. މި އެމްބަސީ ހުޅުވާފައިވަނީ ތުރުކީގެ އަންކާރާގައެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ރާއްޖޭގެ އެމްބަސީއެއް ތުރުކީގައި ގާއިމު ކުރީ އެ ގައުމާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން މިހާރަށް ވުރެ ފުޅާކޮށް، ދެ ގައުމުގެ ދެމެދުގައި އޮންނަ ސިޔާސީ، އިގުތިސާދީ އަދި ސަގާފީ ގުޅުންތައް އިތުރަށް ކުރިއެރުވުމަށްޓަކައެވެ.

ރައީސް ކަމުގެ މަގާމާއި ހަވާލުވެ ހުވާ ކުރެއްވުމަށްފަހު ރައީސްގެ އެންމެ ފުރަތަމަ ރަސްމީ ދަތުރުފުޅުވެސް ކުރައްވާފައިވަނީ ތުރުކީއަށެވެ. އެގޮތުން މި ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ މެދުގައި އިގްތިސާދީ ދާއިރާއިން ވަރަށް މުހިންމު އެއްބަސްވުން ތަކެއްގައި ސޮއިކުރައްވާފައިވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި މި އެއްބަސްވުމުގެ ތެރެއިން ވިޔަފާރީގެ މުއާމަލާތްތައް އިތުރުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ރާއްޖެއާއި ތުރުކީއާއި ދެމެދު ސިޔާސީ ގުޅުން ގާއިމްކޮށްފައި ވަނީ މެއި 28، 1979 ގައެވެ.