20 ވަނަ ރައްޔިތުންގެ މަޖިލީހަށް ވާދަކުރައްވާ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމްގެ ފޯމް މިއަދު ހުށަހަޅައިފިއެވެ.
ޖޭޕީން ބުނެފައިވަނީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ފޯމް މިއަދު އީސީއަށް ހުށަހެޅި އިރު މިފަހަރުވެސް ގާސިމު ކުރިމަތިލައްވަނީ އދ. މާމިގިލީ ދާއިރާގެ ގޮނޑިއަށް ކަމަށެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވެސް ވަނީ ޖޭޕީގެ ފަރާތުން އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވާދަ ކުރައްވާފައެވެ. އިންތިހާބުގެ ފުރަތަމަ ބުރުން ގާސިމް ނާކާމިޔާބު ވަޑައިގެންނެވިއިރު އެމަނިކުފާނަށް ލިބިވަޑައިގަތީ 5460 ވޯޓެވެ. ނަމަވެސް ގާސިމް އިބްރާހީމް ވަނީ 28 މެއި 2009 އަކުން ފެށިގެން މިއަދާ ހަމައަށް މެދުނުކެނޑި 14 އަހަރު މަޖިލީހުގެ މާމިގިލީ ދާއިރާގެ ގޮނޑި ކާމިޔާބުކޮށްފައެވެ. ގާސިމް މިހާރު ކުރިމަތި ލައްވާފައި އެވަނީ 4 ވަނަ ދައުރަށެވެ.
އިލެކްޝަން ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އިސްމާއިލް ހަބީބް އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިއްޔެ އެކަނިވެސް ޖުމްލަ 115 ފޯމް ހުށަހަޅާފައިވާ ކަމަށާއި މިހާތަނަށް ޖުމްލަ 183 ފަރާތަކުން މަޖިލިސް އިންތިހާބުގައި ވާދަކުރެއްވުމަށް ފޯމު ހުށަހަޅާފައިވާ ކަމަށެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މާދަމާގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. ރައްޔިތުންގެ މަޖިލިސް އިންތިހާބު ބޭއްވުމަށް އަންނަ މާޗު މަހުގެ 17 ވަނަ ދުވަސް ހަމަޖައްސާފައި ވީނަމަވެސް މަޖިލީހުގެ އިންތިހާބު ރޯދަ މަސް ނިމޭތާ ދިހަ ދުވަސް ފަހުން ބާއްވަން ރައްޔިތުން މަޖިލީހުން ވަނީ ދާދިފަހުން ފާސްކޮށްފައެވެ.
ނަމަވެސް މިހާތަނަށް އިންތިހާބު ބާއްވާނެ ވަކި ތާރީހެއް އީސީން ނިންމާފައިނުވާއިރު އިންތިހާބުގެ ތާރީހަށް ބަދަލެއް އަޔަސް، އިންތިހާބަށް ކުރިމަތިލުމަށް އިތުރު މުއްދަތެއް ނުދޭނެ ކަމަށް ހަބީބް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.