މަކަރާއި ހީލަތުން އޯޓީޕީ ހޯދައިގެން މިއަދު އެކަނިވެސް 5 ލައްކަ ރުފިޔާ ނަގާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލެޓް ލިބިފައިވާކަމަށް ބުނެ އޯޓީޕީ ހޯދައިގެން މިއަދުވެސް 500،000 ރުފިޔާ މަކަރާއި ހީލަތުން ބަޔަކު ހޯދާފައިވާ ކަމަށާއި ބުރަ މަސައްކަތުން ހޯދާ ފައިސާއަށް ރައްކާތެރި ވުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

ފުލެޓް ކަށަވަރު ކުރުމަށް އެއްވެސް އިދާރާއަކުން އޯޓީޕީއެއް ނުފުނުވާނެ ކަމަށާއި އެއީ މަކަރާއި ހީލަތުން ހިންގާ ސްކޭމްތަކެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެޗްޑީސީން ފްލެޓެއް ލިބުނު ކަމަށް ބުނެ، އޮޅުވާލައިގެން 2 ލައްކަ ރުފިޔާ ނެގި މައްސަލައެއް މިދިޔަ ބުދަ ދުވަހުވެސް ފުލުހަށް ވަނީ ހުށަހަޅާފައެވެ. އެ މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި އަދި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް އޭރު ފުލުހުން ބުނެފައި ވެއެވެ.

މަކަރާއި ހީލަތުން އެތައް ބައެއްގެ ރުފިޔާ ފޭރުމުގެ ގިނަ މައްސަލަތަކެއް ފުލުހުންނަށް ހުށަހަޅަމުންދާއިރު މިކަމަށް އާންމުން ހޭލުންތެރި ކުރުމަށް ފުލުހުންގެ އިތުރުން ބޭންކު ތަކުންވެސް ދަނީ އެކި އެކި ޕްރޮގްރާމްތައް ހިންގަމުންނެވެ.

އެގޮތުން އެފަދަ ސްކޭމްތަކުން ރައްކާތެރިވުމަށްޓަކައި ކުރެވޭނެ އެންމެ މުހިންމު އެއްކަމަކީ ފައިސާ ފޮނުވުމުގެ ކުރިން ފައިސާ ފޮނުވެނީ ކޮން ފަރާތަކަށް ޔަގީން ކުރުން ކަމަށް ބީއެމްއެލް އިން ވަނީ މީގެ ކުރިން އިރުޝާދު ދީފައެވެ.

އަދި ހަމައެހެންމެ އެގޮތަށް އޯޓީޕީ ހޯދަން އެދޭ ފަރާތްތަކާ އެއްވެސް ހާލަތެއްގައި އޯޓީޕީ ހިއްސާނުކުރުމަށް ބޭންކުން އިލްތިމާސްކުރެއެވެ.