ފޮޓޯތަކެއް ހުރިކަމަށް ބުނެ ޓެލެގްރާމުން ފޮނުވާ ޕިޝިންގް ލިންކު މެދުވެރިކޮށް ޓެލެގްރާމް ހެކްކުރުމުގެ މައްސަލަތައް އިތުރުވަމުންދާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މި ލިންކުތައް އަންނަނީ އިތުބާރުކުރެވޭ ފަރާތަކުން ފޮނުވާ މެސެޖަކާއެކު ކަމަށެވެ. އަދި މެސެޖުގައިވާ ލިންކަށް ފިތައިލުމުން ފޯނު ނަންބަރު ޖެހުމަށް އެދޭ ކަމަށެވެ. އަދި ފޯނަށް އަންނައެ އޯޓީޕީ ހިއްސާކުރުމަށް ބުނާ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

އަދި އޯޓީޕީ ހިއްސާކޮށްފިނަމަ ޓެލެގްރާމް އެކައުންޓުގެ ކޮންޓްރޯލް، ސްކޭމްކުރާ ފަރާތަށް ލިބިގެންދާނެކަން ފާހަގަކޮށް ފުލުހުން ބުނީ، ތިމާގެ ޓެލެގްރާމް އެކައުންޓުން ތިމާގެ ނަމުގައި އެހެން މީހުންނަށް ސްކޭމް ޕިޝިންގ ލިންކު ފޮނުވަމުންދާ ކަމަށެވެ.

ސްކޭމްގައި ޖެހި ޓެލްގްރާމް އެކައުންޓު ޖެއްލިއްޖެނަމަ ހަދަނީ ކިހިނެއް؟

ޓެލްގްރާމް މެދުވެރިކޮށް ފޮނުވާ ޕިޝިންގް ލިންކު ސްކޭމްގެ ޝިކާރައަކަށްވެ ޓެލެގްރާމް އެކައުންޓު ހެކްކޮށްފިނަމަ، ޓެލެގްރާމް އެޕްލިކޭޝަން އަންއިންސްޓޯލްކުރުމަށް ފަހު އަލުން އިންސްޓޯކުރުމަށް ފުލުހުން ވަނީ ނަސޭހަތްތެރިވެފައެވެ. އަދި ޓެލެގްރާމް އަލުން އެކްޓިވޭޓްކޮށް، ޓޫ-ސްޓެޕް ވެރިފިކޭޝަން އެކްޓިވޭޓް ކުރުމުން އެ އެކައުންޓް އިއާދަ ކުރެވޭނެއެވެ.

ޓޫ-ސްޓެޕް ވެރިފިކޭޝަން ހަދާނެގޮތް:

  • ޓެލެގްރާމް ސެޓިންގް
  • ޕްރައިވަސީ އެންޑް ސެކިއުރިޓީ
  • ޓޫ-ސްޓެޕް ވެރިފިކޭޝަން
  • ސެކިއުރިޓީ ވަރުގަދަ ޕާސްވޯޑެއް ބޭނުންކުރުން
  • ރިކަވަރީ އީމެއިލް އެޑްކުރުން

ޓެލެގްރާމް އެކައުންޓު ރައްކާތެރިކުރުމަށްޓަކައި، ޓެލެގްރާމްގައި ޓޫ-ސްޓެޕް ވެރިފިކޭޝަން އެކްޓިވޭޓްކުރުމަކީ ރައްކާތެރިވުމަށް އެޅޭނެ އެންމެ މުހިންމު އެއް ފިޔަވަޅު ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

މީގެ އިތުރުން ވެސް އިތުބާރުކުރެވޭ ނުވަތަ ގާތް މީހެއްގެ ނަމުގައި މިފަދަ ލިންކު ފޮނުވި ނަމަވެސް އެއީ ޓެލްގްރާމް އެކައުންޓް ސްކޭމަރުންގެ އަތްދަށުލުމަށް ފަރުމާކޮށްފައިވާ ޕިޝިންގް ލިންކެއްކަން ފުލުހުން ހާމަކޮށް، އިރުޝާދު ދީފައި ވަނީ މިފަދަ ލިންކުތަކަށް ނުފިތުމަށެވެ.