"މޯލްޑިވްސް ޕަބްލިކް ޓްރާންސްޕޯޓް" ނަމަކަށް ކިޔާ ފޭކް ފޭސްބުކް ޕޭޖުން ސްކޭމެއް ހިންގަމުން އަންނަ ކަމަށާއި އެ ކަމަށް ސަމާލުވުމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނެފައި ވަނީ އެ ޕޭޖާ އެ ކުންފުންޏާ އެއްވެސް ގުޅުމެއް ނެތް ކަމަށާއި މިއީ ހިޔާނާތެއް ކަމަށެވެ. އަދި އެކަމަށް ހުރިހާ ކަސްޓަމަރުން ސަމާލުވުމަށާއި މިއީ އޮޅުވާލައިގެން ފޭސްބުކްގައި މި ޕޭޖުން މ،ިފަދަ ކަމެއް ކުރިކަން އެނގުނު ދެވަނަ ފަހަރު ކަމަށް އެމްޓީސީސީން ބުނެއެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު އެމްޓީސީސީން މި ސްކޭމާ ގުޅިގެން ބުނެފައި ވަނީ، އާރްޓީއެލް މެދުވެރިކޮށް 3 މަސް ވަންދެން ހިލޭ ދަތުރު ކުރުމަށް މަގުފަހިކޮށް ދޭނެ ކަމަށް ބުނާ "ސްމާޓް ކާޑެއް" ވިއްކުމުގެ މަސަކަތް "މޯލްޑިވްސް ޕަބްލިކް ޓްރާންސްޕޯޓް" ނަމުގައި ހިންގާ ފޭސްބުކް ޕޭޖަކުން ކުރަމުންދާ ކަމަށެވެ. އަދި އެ ޕޭޖްގައި ހިންގަމުންދާ އެއްވެސް ހަރަކާތަކީ އެމްޓީސީސީ ނުވަތަ ރާއްޖެ ޓްރާންސްޕޯޓް ލިންކާއި އެއްވެސް ގުޅުމެއް ނެތް ހަރަކާތްތަކެއް ކަމަށެވެ

އެމްޓީސީސީގެ ފަރާތުން އާ ހިދުމަތެއް ނުވަތަ ޕްރޮޑަކްޓެއް ތައާރަފް ކުރާ ނަމަ އެކަމެއް ރަސްމީކޮށް ފެށުމުގެ ކުރިން، ކުންފުނީގެ އޮފިޝަލް ސޯޝަލް މީޑިއާ އަދި އެހެނިހެން މީޑިއާ ޗެނަލްތަކުން އެކަމުގެ މައުލޫމާތު ހިއްސާކުރާނެ ކަމަށް އެމްޓީސީސީން ބުނެފައި ވެއެވެ. މިފަދަ ސްކޭމްތައް އާންމުވެފައިވާ އިރު މި ކަންކަމަށް ސަމާލުވުމުގެ ގޮތުން އެމްޓީސީސީ ނުވަތަ އާރްޓީއެލްގެ ނަމުގައި އެއްވެސް ފަރާތަކުން ފޮނުވާ ލިންކްތަކަށް ނުވަނުމަށް އަދި އެފަދަ ފަރާތްތަކާ އެއްވެސް މުއާމަލާތެއް ނުކުރުމަށް އެމްޓީސީސީއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްޓީސީސީއަށް ރައްޔިތުން ކުރާ އިތުބާރުގެ ބޭނުން ނަހަަމަގޮތުގައި ހިފައި ނުހައްގުން ފައިސާ ހޯދުމަށް ކުރާ މިފަދަ ނާތަހުސީބު އަމަލުތައް އެމްޓީސީސީއިން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.