ޗާންދަނީ މަގުގައި ހުރި އިމާރާތެއްގެ މަތިން މީހަކު ވެއްޓިއްޖެއެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ ޗާންދަނީ މަގުގައި ހުރި އިމާރާތެއްގެ މަތިން މީހަކު ވެއްޓިފައިވާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 10:30 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އެ މީހާއަށް ލިބުނު ގެއްލުމުގެ ތަފްސީލު ހާމަނުކުރި ނަމަވެސް ފުލުހުން ބުނީ އެ މީހާއަށް އައިޖީއެމްއެޗްގައި ފަރުވާދެމުންދާ ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހާ ވެއްޓިފައި ވަނީ ޗާންދަނީ މަގު "ބިގްމޭން" ހުންނަ އިމާރާތުގެ 9 ވަނަ ފަންގިފިލާއިންނެވެ.

މީގެ ކުރިންވެސް މާލޭގެ އުސް އިމާރާތްތަކުގެ މަތިން ވެއްޓި ކުޑަކުދިންނާއި މީހުންގެ ފުރާނަ ގެއްލިފައިވާއިރު މިދިޔަ އަހަރުގެ ތެރޭގައި ހުޅުމާލެ އިމާރާތެއްގެ މަތިން ވެއްޓި 4 އަހަރުގެ ކުއްޖަކު ނިޔާވެފައިވާއިރު ހުޅުމާލެ ފޭސް 2 ގެ ހިޔާ ޓަވަރުގެ 12 ވަނަ ފަންގިފިލާއިން ވެއްޓުނު 15 އަހަރުގެ ކުއްޖަކުވެސް ވަނީ ނިޔާވެފައެވެ.