އަޟްހާ އީދުގެ ހަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ފަށައިފިިއެވެ.
އަޟްހާ އީދު ނުވަތަ ބޮޑު އީދަކީ ދިވެހިން ޒަމާނުންސުރެ ކުލަ ގަދަ ކޮށް ފާހަގަކުރަމުން އަންނަ އީދެކެވެ. އީދުގައި ތަފާތު ކުޅިވަރުތައް ކުޅުމާއި، އާއިލާއާއި ރައްޓެހިންނާއި ޒިޔާރަތްކޮށްލުމަކީ ދިވެހިންގެ އާދަކާދައިގެ ތެރޭގައި ހިމެނޭ ކަމެކެވެ.
އެގޮތުން މި ފަހަރުގެ އީދަށްވެސް ގިނަ އަދަދެއްގެ ބަޔަކު ވަނީ ރާއްޖޭގެ އެކި ކަންކޮޅު ތަކަށް ދަތުރުކޮށްފައެވެ. އެއާޕޯޓުތައް ބާރުބޮޑުވެފައި އޮތީ އީދަށް ދަތުރުކުރާ މީހުންތަކާއެކުއެވެ.
ގިނަ ރަށްރަށުގައި ރޭގައި ވަނީ އީދު ކުޅިވަރުތައް ފަށާފައެވެ. އެގޮތުން އީދު ހުޅު ރޯކުރުމާއި ވެދުމާއި ދިއުމުގެ އިތުރުން ތަފާތު ހަރަކާތެއްވެސް ފެނިގެން ދިޔައެވެ. ޓިކްޓޮކުންނާއި ސޯޝަލް މީޑިއާގެ މަންސަ ތަކުން ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވަނީ ލެންޓާން ނައިޓަށެވެ. ލެންޓާން ތައް އަރުވާ އެތަކެތި ވައިގެ ތެރޭގައި ދައުރުވާ މަންޒަރު ބަލާލަން ގިނަ އަދަދެއްގެ މީހުން ވަނީ ގޮސްފައެވެ. އައްޑޫގެ އިތުރުން ށ. ފޯކައިދޫގައިވެސް ރޭ ވަނީ ލެންޓާން އަރުވާފައެވެ.
މިއަދުގެ ހެނދުނު އީދު ނަމާދުން ފެނިގެން ދިޔައީ މުޖުތަމައުގައި އޮތް ވަރުގަދަ އަހްވަންތަކަމާއި އިސްލާމީ ރޫހުކަމަށް ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވެސް ވަނީ ބުނެފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި އީދުގައި އެޗްޑީސީން ވެސް ވަނީ ގިނަ ހަރަކާތްތަކެއް ރާވާފައެވެ. އޭގެތެރޭގައި މިއުޒިކް ޝޯތަކާއި، ކުޑަކުދިންގެ ހަވީރާއި އަދި ތަފާތު ކުޅިވަރުތައް ހިމެނެއެވެ.
ބޮޑު އީދުގެ ކުޅިވަރުތައް ބަލާލުމަށް ދިވެހިންގެ އިތުރުން ބޭރު ގައުމުތަކުގެ މީހުންވެސް މި ދުވަސްވަރު ރާއްޖެއަށް ޒިޔާރަތްކުރެއެވެ. އެގޮތުން ރާއްޖޭގެ ދިރިއުޅުމާއި އީދު ކުޅިވަރުތައް ބަލައިލުމަށް ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ފަރާ ހާންވެސް ވަނީ ރާއްޖެ އައިސްފައެވެ.
ރާއްޖޭގެ ރަށްރަށުގައި މިފަހަރު ބާއްވާ ބޮޑު އީދުގެ ކުޅިވަރުތައް ޝޫޓުކުރަން މި މަހު 5 ވަނަ ދުވަހުން ފެށިގެން 8 ވަނަ ދުވަހާއި ހަމައަށް ފަރާ ރާއްޖޭގައި މަޑުކުރުމަށް ވަނީ ހަމަޖެހިފައި ކަމަށް އެމްއެޕްީއާރްސީ އިން ވަނީ ބުނެފައެވެ.