ނުކުޅެދުންތެރިކަމަކީ ތިމާގެ ކުރިމަގަށް އެޅޭ ހުރަހެއް ކަމަށް ބައެއް މީހުން ގަބޫލުކޮށް، ދިރިއުޅުމަށް ކުރާ އުއްމީދު ދޫކޮށްލައެވެ. ދިރިއުޅުމާ މެދު މާޔޫސްވެ ފޫހުކޮށްލައެވެ. މުސްތަގުބަލަށް ދެކެމުން ދިޔަ ހުވަފެންތައް ކަފުންކޮށް، ތިމާގެ އަމިއްލަ ނަފްސަށް ކުރަމުން އައި އިތުބާރު ވަޅުލައެވެ. އެހެންނަމެވެސް ބައެއް މީހުންނަކީ މިއީ ވެސް އިމްތިހާނެއްކަމުގައި ދެކި ގަދަ ހިތްވަރާއެކު ދިރިއުޅުން ކާމިޔާބުކުރުމަށް މަސައްކަތްކުރާ މީހުންނެވެ. އުފެދުމުގައި ހުންނަ ނުކުޅެދުންތެރިކަން ނުވަތަ އުމުރުގެ ވަކި ހިސާބަކުން ދިމާވާ ސިއްހީ ހާލަތެއް ނުވަތަ ހާދިސާއެއްގެ ސަބަބުން ދިމާވާ މި ފަދަ ހާލަތަށް ކުރިމަތިލާން ކެރޭ މީހުންނަކީ ހަގީގަތުގައިވެސް ހިތްވަރުގަދަ، ކެރޭ ނަމޫނާ ބައެކެވެ.

ހއ. ބާރަށަށް އުފަން އުމުރުން 44 އަހަރުގެ މުހައްމަދު އިނާދަކީ މިފަދަ ނަމޫނާ މިސާލެކެވެ. އޭނާގެ ހަޔާތުގައި އެތައް ފަހަރަކު ނާކާމިޔާބީ އާއި ކުރިމަތިލާންޖެހުނެވެ. ފުރާވަރުގެ އެންމެ އުފާވެރި ދުވަސްތަކުގައި ވޭނާ ހިތާމާ އާއި ހިތްދަތިކަން ކުރިމަތިވިއެވެ. އެހެންނަމަވެސް މިހުރިހާ ކަމަކާއެކުވެސް އޭނާ ދިރިއުޅުމާ ކުރިމަތިލީ ފިސާރި ކެރިގެންނެވެ.

12 އަހަރުގައި އަތް ބުރިކޮށްލިޔަސް ހިތްވަރަަކަށް ބަދަލެއް ނާދޭ!

އިނާދުގެ ތައުލީމީ ހަޔާތް ފެށިގެން ދިޔައީ ބާރަށުންނެވެ. އެ ރަށުގައި ހިންގާ މަދަރަސާއިން ކިޔެވޭނެ އެންމެ މައްޗަށް ކިޔެވިއެވެ. އުފަން ރަށުގައި އާއިލާ އާއި އެކު ހިތްހަމަޖެހޭ އުފާވެރި ދިރިއުޅުމެއް އުޅެމުން ދިޔަ އިނާދުގެ މުޅި ހަޔާތް ބަދަލުވެގެން ދިޔައީ އުމުރުން އެންމެ 12 އަހަރުގައެވެ.

އިނާދު/ ފޮޓޯ: މުހައްމަދު މިހާޒް - ދަ ޕްރެސް

އިނާދުގެ އުމުރުން 12 އަހަރުގައި ރޯދަ މަހު ކުރުނބާ އަޅަން ވަލަށް ތެރެއަށް ގޮސް، ރުކަށް އެރިތަނާ ވެއްޓި ވައަތު އަތް ބިންދައިގެން ދިޔައީއެވެ. އެ ދުވަސްވަރަކީ އަތޮޅު ތެރެއިން ސިއްހީ ހިދުމަތްތައް ފުޅާވެފައިވާ ދުވަސްވަރަކަށް ނުވުމުން ރަށުން އޭނާގެ އަތަށް ދިވެހި ބޭސް ކުރަން ފެށިއެވެ. އެހެންނަމަވެސް އަތް ރަނގަޅު ނުވެ، އިތުރަށް ގޯސްވާތީ މާލެ ދިޔައިރު އޭނެގެ އަތް ވަނީ ހަލާކުވެފައެވެ. އެހާ ހިސާބުން ދެން ކުރިމަތިވީ މާ ބޮޑު ހިތްދަތިކަމަކާއެވެ. އިނާދުގެ އަތަށް ފަރުވާ ނުލިބި އެ އަތް ބުރިކޮށްލަން ޖެހުނީއެވެ.

"ރޯދަ މަހު ކުރުންބާ އަޅަން ވެގެން ވަލު ތެރެއަށް ގޮސް އުޅެފައި ރުކަށް އެރިތަނާ ވެއްޓި އަތް ބިންދައިގެން ދިޔައީ. ދެން އޭރު ހާލަތު ހުރި ގޮތުން ރާއްޖެ ތެރެއަކު ނުހުރޭ އެއްވެސް ކަހަލަ ފަރުވާއެއް ލިބޭކަށް. ދެން ދިވެހި ބޭސް ކޮށްގެން އަތް ސަކާރާތްވީ އެއްކޮށް. ދެން އެ ހިސާބުން މާލެ ގެންދިޔައީ ދެން ގެންދިޔައިރު އަތް އޮތީ އެއްކޮށް ހަލާކުވެފައި ދެން ބުރިކޮށްލީ"
އިނާދު

އެ ދުވަހުގެ ހަނދާންތައް އަދިވެސް އިނާދުގެ ހިތުގައި ތާޒާކަމާއެކު ބިންވަޅު ނެގިފައިވެއެވެ. އިނާދުގެ ވައަތުގެ އޮޅަބުއްޓަށްވުރެ މަތިން ބުރިކޮށްލުމުން އޭނާގެ ދިރިއުޅުން އެއްކޮށް ބަދަލުވެގެން ދިޔަ ގޮތެވެ. ހިތްދަތި ދުވަސްތަކުގައި އޭނާ އުޅުނު ހާލެވެ. 12 އަހަރުގެ ކުޑަ އިނާދު ކުރިން އުޅުނު ސަކަމިޒާޖާ، ކުޅެ މަޖާކޮށް އުޅެން ބޭނުންވި ފުރާވަރުގައި ގިނަ ކަންތައްތަކަކުން މަހުރޫމްވިއެވެ. އެހެންނަމަވެސް އިނާދު ބުނާ ވާހަކައަކީ މީހެއްގެ ފަރާތުން ބުލީ އާއި ފުރައްސާރަ ފަދަ ކަމެއް އޭނާއަށް ދުވަހަކުވެސް ކުރިމަތިނުވާ ކަމެވެ.

ޒަވާޖީ ހަޔާތާއެކު ދިރިއުޅުން ބަދަލުވި، އެއް އަތުން ކޮންމެ ކަމެއްވެސް ކުރަން މިހާރު އުނދަގުލެއް ނޫން

ދިރިއުޅުމުގެ އެންމެ އުފާވެރި ދުވަސްތަކުގައި ދިމާވި ހިތްދަތިކަމާއެކު ވެސް އިނާދުގެ އަޒުމަކަށް ބަދަލެއް ނައެވެ. ޒަވާޖީ ހަޔާތާއެކު އާމްދަނީ ހޯދުމަށް އިނާދު ފެށި މަސައްކަތަކީ ދަނޑުވެރިކަމުގެ މަސައްކަތެވެ. އެއް އަތުގެ އެހީ އާއި އެކު މިހާރުވެސް އެ މަސައްކަތް ކުރަމުންދާ އިނާދު ބުނީ އެ މަސައްކަތް ކުރާތާ 20 އަހަރުވެފައިވާ ކަމަށެވެ. ހަލާލު ގޮތުގައި އާމްދަނީ ހޯދުމަށް އިނާދު ބުރަ މަސައްކަތް ކުރިއެވެ. މަސް ބޭނުމާއި ސޫޕިލަނޑާ ނަގާ ވިއްކުމުގެ މަސައްކަތްކުރިއެވެ. މީގެ 3 އަހަރު ކުރިން އެ ރަށު ފެނަކަ އިންޖީނުގެއިން ވަޒީފާ ހަމަޖެހުނު ފަހުން ވަޒީފާގެ އިތުރުން އޭނާ ކޮށް އުޅޭ މަސައްކަތަކީ ދަނޑުވެރިކަމެވެ.

އިނާދު ހައްދާފައިވާ މޭބިސްކަދުރު ވެލުގައި މޭބިސްކަދުރު އަޅާފައި/ ފޮޓޯ: މުހައްމަދު މިހާޒް - ދަ ޕްރެސް

ދަނޑުވެރިކަމަކީ އިނާދަށް އެ ދުވަހު އާމްދަނީ ހޯދުމަށް ކޮށުނު ފަހި މަގެކެވެ. މިއަދު އެއީ އިނާދުގެ ހިތްހަމަޖެހުން ކަން އޭނާގެ ދަނޑާއި ގޭގެ އިތުރުން މަސައްކަތް ކުރަމުންދާ ފެނަކަ އިންޖީނުގޭގެ ގޯތި ތެރެއަށް ނަޒަރު ހިނގާލުމުގެ އެނގޭނެއެވެ. ހުރިހާ ތަނެއްގައިވެސް ގަސް ހައްދާފައިވާއިރު އެތަކެތި ބެލެހެއްޓުމުގައި ވެސް އިނާދުގެ ފަރުވާތެރިކަން ބަލާލުމުގެ ވެސް އެނގިގެން ދެއެވެ. ފެނަކަ އިންޖީނުގޭގެ ދޮރުން ވަދެގެންދާއިރު ފެންނަން އޮތް މޭބިސްކަދުރު ވެލުން އިނާދުގެ ކުޅަދާނަކަމުގެ ހެއްކަކަށް ފުދެއެވެ. އެ ވެލުގައި ގިނަ އަދަދެއްގެ މޭބިސްކަދުރު ކޯޅިތައް އަޅާފައިވާއިރު އެކި ވައްތަރުގެ މާމެލާ މެލީގެ ގަސްތައްވެސް އެތަނުން ފެންނަން ހުއްޓެވެ.

ވަޒީފާ އަދާކުރަމުން ދަނޑުވެރިކަމުގެ މަސައްކަތްތަކަށް އިނާދުގެ ދުވަހުގެ ވަގުތުތައް ބަހާލާފައިވަނީ ވަރަށް ފުރިހަމައަށެވެ. އިނާދު ބުނީ ހެނދުނު ތެދުވާ ގޮތަށް 5:30 ހާއިރު ދަނޑުގެ މަސައްކަތަށް ދާ ކަމަށާއި އެ މަސައްކަތަށްފަހު 8 ޖަހާއިރު އޭނާ ޑިއުޓީއަށްދާ ކަމަށެވެ. އަދި 4 ޖަހާއިރު ޑިއުޓީ ނިންމާލުމަށްފަހު އަނެއްކާވެސް ދަނީ ދަނޑުގެ މަސައްކަތަށް ކަމަށް އިނާދު ވަނީ ބުނެފައެވެ.

އާންމުކޮށް ކަރާ އަދި ކިއުކަންބާ ހައްދާ އިނާދު ބުނީ އެތަކެތި ވިއްކުމުގައި ދަތިތަކަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ. 200 ކިލޯއިނާއި ޓަނުންވެސް އިނާދުގެ ދަނޑުގައި ހައްދާ ތަކެތި ކަނޑަން ޖެހޭއިރު އެ ތަކެތި އެތާ ކައިރީގައި ކުރިން އަލިދޫ ރިސޯޓު ހިންގި ދުވަސްވަރު އެ ރިސޯޓަށް ފޮނުވާ ކަމަށެވެ. އަދި ހައްދާ ތަކެތި ދިއްދޫ އަދި ކުޅުދުއްފުއްޓަށް ފޮނުވި ނަމަވެސް ވިއްކަން ޖެހެނީ ވަރަށް އަގު ދަށްކޮށް ކަމަށް އިނާދު ވަނީ ބުނެފައެވެ. އެތަކެތި މާލެ ފޮނުވަން ބަލާއިރު މާލެއާ ހިސާބަށް ފޮނުވޭއިރު ބޮޑު ބައި ހަލާކުވާތީ އެކަންވެސް ވަރަށް ބޮޑަށް ދަތިވާ ކަމަށް އިނާދު ވަނީ ބުނެފައެވެ.

އިނާދު ހައްދާފައިވާ ގަސްތަކެއް/ ފޮޓޯ: މުހައްމަދު މިހާޒް - ދަ ޕްރެސް

ދަނޑުވެރިކަމަކީ އިނާދުގެ ދުވަހުގެ ހިތްހަމަޖެހުމެވެ. މުސްތަގުބަލު ކޮށާ އަލިކޮށްދިން މަގެވެ. އެ މަސައްކަތުގައި އިނާދު އަދިވެސް ކުރިއަށްދާން ބޭނުމެވެ. އިނާދު ބުނީ އެ ރަށުގެ ހާލަތު ހުންނަ ގޮތުން ވަކި ތަންތަނުން ދަނޑުވެރިކަމަށް ބިން ދޫކޮށްފައި ނޯއޮންނަ ކަމަށާއި އެ މީހަކު އަމިއްލައަށް އަލިކޮށްލައިގެން ހައްދަނީ ކަމަށެވެ. އިނާދު ބުނީ އޭނާ އެ ދާއިރާއިން އެންމެ ދެކެން ބޭނުންވަނީ ދަނޑު ބިން އެ ރަށުން ދޫކޮށްގެން އަމިއްލަ ދަނޑެއްގައި މަސައްކަތް ކުރަން ލިބޭނެ ދުވަސް ކަމަށާއި އެކަމަށް ސަރުކާރުންވެސް މަގެއް ފަހިކޮށްދިނުމަށް އެދޭ ކަމަށެވެ.

"އަޅުގަނޑު ދެކެން ބޭނުންވަނީ ހަމަ ދަނޑު ބިން ދޫކޮށްގެން އަމިއްލަ ދަނޑުގައި އަމިއްލައިން މަސައްކަތް ކޮށްގެން އެތާ އުޅުން."
އިނާދު

އިނާދުއަކީ މަސައްކަތްތެރި ނަމޫނާއެކެވެ. ހީވާގި ފިރިއެކެވެ. ހަތަރު ދަރިން ފަހުރުވެރިވާ ފަދަ ބައްޕައެކެވެ. ހިތްވަރުގަދަ، މުރާލި މަސައްކަތްތެރިއެކެވެ. ދަނޑުވެރިކަމުން ލިބޭ ރަނގަޅު ނަފާ ފާހަގަކުރަމުން އިނާދު ބުނީ އަނބިމީހާ އާއި ހަތަރު ކުދިން ގޮވައިގެން އަމިއްލަ ގޯތީގައި އަމިއްލައަށް ގެދޮރު ހަދައިގެން މީހަކަށް ނުދަރާ އުޅެމުން އެ ދަނީ އެ މަސައްކަތުން ލިބުނު އާމްދަނީއިން ކަމަށެވެ.

އިނާދު ހައްދާފައިވާ މޭބިސްކަދުރު ވެލުގައި މޭބިސްކަދުރު އަޅާފައި/ ފޮޓޯ: މުހައްމަދު މިހާޒް - ދަ ޕްރެސް
"ދަނޑުވެރިކަމުން ކައިގެން ބޮއެގެން އެއްވެސް މީހަކަށް ނުދަރާ މިހާ ހިސާބަށް އައީ. މިހާރު އަންހެނުނާ އެކު 4 ކުދިންނާ އަމިއްލަ ގެދޮރު އަމިއްލައަށް ހަދައިގެން މިއުޅެނީ ދަނޑުވެރިކަމުން ލިބޭ އާމްދަނީއިން."
އިނާދު

އަޒުމާއި އުންމީދުގައި މަސައްކަތް ކޮށްގެން ކާމިޔާބުވާނެ، ހުވަފެނަކީ އަތެއް ޖެހުން

އިނާދު ގަބޫލުކުރާ ގޮތުގައި އެއީ އޭނާގެ އަޒުމާއި އުންމީދުގެ ނަތީޖާއެވެ. އެ އަޒުމާ އުންމީދުގައި ހުއްޓާ ނުލާ ކުރި މަސައްކަތުގެ ކާމިޔާބީއެވެ. އިނާދު ބުނީ އެއް އަތުން އެ ހުރިހާ މަސައްކަތެއް ކުރަންވެސް އޭނާއަށް އުނދަގޫ ނޫން ކަމަށާއި ކުރިން އޭނާ އުޅެމުން ދިޔަ ދިރިއުޅުން މިހާރު އެތައް ގޮތަކަށް ފަސޭހަވެފައިވާ ކަމަށެވެ. އެހެންނަމަވެސް އިނާދުގެ އަދިވެސް އުންމީދަކީ އަދި ހުވަފެނަކީ ވެސް އަތެއް ޖެހޭނެ ދުވަހެއް ފެނުމެވެ. އަދި ދެ އަތުން މަސައްކަތް ކުރެވޭނެ ދުވަހެއް ފެނުމެވެ.

"އޭރު އަޒުމަކަށް އުންމީދަކަށްވެސް ވީ މަސައްކަތް ކުރަން. މަސައްކަތެއް ހުއްޓައެއް ނުލަން."
އިނާދު

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޒުމާ ހިތްވަރާއެކު ކާމިޔާބަށް ވާސިލުވެވޭނެ ކަން އިނާދު ވަނީ ސާބިތުކޮށްދީފައެވެ. އެ ފަދަ ކޮންމެ މީހަކަށްވެސް އިނާދު ދޭން ބޭނުންވާ މެސެޖެއް އެބަ އޮތެވެ. އެއީ އޭނާ ކުރާހެން މަސަކަތްކޮށްފިނަމަ ކާމިޔާބަކާ ހަމައަށް ދެވޭނެ ކަމެވެ.

އިނާދު/ ފޮޓޯ: މުހައްމަދު މިހާޒް - ދަ ޕްރެސް
"އަޅުގަނޑުވެސް މިއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތެއް. އަޅުގަނޑުގެ އަޒުމަކީ ހަމަ މަސައްކަތްކޮށްގެން އަޅުގަނޑު މި ކުރާހެން ހިތްވަރާއެކު ކޮންމެ މަސައްކަތެއްވެސް ކުރަން ފެށީމައޭ ރަނގަޅު ކާމިޔާބަކާ ހަމައަށް ދެވޭނީ، އެ ފަދަ ފަރާތްތައް ވެސް އަޅުގަނޑުހެން މިކުރާހެން މަސައްކަތް ކުރަންޏާ އިރާދަކުރެއްވިއްޔާ ކާމިޔާބުވާނެއޭ"
އިނާދު

އިނާދުގެ މަސައްކަތުގައި އަނބިމީހާ އާއި މައިންބަފައިން އަދި އެކުވެރިންގެ އެހީތެރިކަން އޭނާ ފާހަގަކުރެއެވެ.