މިމަހުގެ 0 ވީ ބުދަ ދުވަހު ހަވީރު ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވި ފުޓްބޯޅަށް މެޗެއްގެ ތެރެއިން ހިންގި މާރާމާރިއާ ގުޅިގެން އިތުރު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލަ އާއި ގުޅިގެން ފުލުހުން ހައްޔަރުކޮށްފައި ވަނީ 19 އަހަރުގެ މީހަކާ 20 އަހަރުގެ މީހެކެވެ. މި ދެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 19 އަހަރުގެ މީހާގެ ބަންދަށް 15 ދުވަސް ޖަހާފައިވާއިރު 20 އަހަރުގެ މިހާގެ ބައިވެރިވުން އެނގޭނެ ސީސީޓީވީ ފުޓޭޖު ހުށަހެޅުމަށް ކޯޓުން ވަނީ އަންގާފައެވެ. އަދި މިވަގުތު ހުށަހަޅާފައިވާ ހެކިތަކުން މި ހާދިސާގައި އޭނާގެ ބައިވެރިވުން އޮތް މިންވަރު ވަރަށް ކުޑަަކަމަށް ބެލެވޭ ކަމަށްވެސް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.

މި މައްސަލައާއި ގުޅިގެން މި މަހުގެ 9 ވަނަ ދުވަހުވެސް ދެމީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އެ ދެމީހުންގެ ބަންދަށް 15 ދުވަސް ދީފައި ވެއެވެ. މި ދެމީހުންނަކީވެސް ކުށުގެ ރެކޯޑް އޮންނަ މީހުންކަމަށް ކޯޓު އަމުރުގައި ވަނީ ފާހަގަކޮށްފައެވެ.

ދެ ވަނަ ޑިވިޝަނުގެ ކުއާޓާ ފައިނަލުގައި ކުޑަހެންވޭރު ޔުނައިޓެޑާއި ވިކްޓްރީ ސްޕޯޓްސް ކްލަބް ކުޅުނު މެޗުގައި ދެ ޓީމުގެ ދެ ކުޅުންތެރިއެއްގެ ދެމެދު ހިނގި ހަމަނުޖެހުމާ ގުޅިގެން ސަޕޯޓަރުން ދަނޑަށް އަރާ ހިންގި މާރާމާރީގައި ބަލަންޖެހޭ ކަންތައްތައް ބަލަމުން އަންނަކަމަށް މީގެ ކުރިން ފުލުހުން ވަނީ ބުނެފައެވެ.