އެމެރިކާގައި ކުރިއަށްދާ ކްލަބް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގައި ކުޅުނު ފުރަތަމަ ދެ މެޗުން ފްރާންސްގެ ޕީއެސްޖީ އަދި ބްރެޒިލްގެ ބޮޓަފޮގޯ މޮޅުވެއްޖެއެވެ.

ރޭ ރާއްޖޭ ގަޑިން މެންދަމު 12 ޖެހި އިރު ޕީއެސްޖީ ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑްއާ ވާދަކުރި އިރު އެޓީމުން މިމެޗު ކާމިޔާބުކުރީ 4-0 ގެ ނަތީޖާއަކުންނެވެ. ނިމިގެންދިޔަ ސީޒަންގެ ޔޫއެފްއާ ޗެމްޕިއަންސް ލީގު މުބާރާތް ވެސް ކާމިޔާބުކުރި ޕީއެސްޖީގެ ލަނޑުތައް ޖަހާ ދިނީ ފަބިއަން ރުއީޒް، ވިޓީނިއާ، މަޔަލޫ އަދި ލީ ކަންގް އިންއެވެ.

އެތްލެޓިކޯ މެޑްރިޑްއަށް މިމެޗުގައި މާ މޮޅު ކުޅުމެއް ދެއްކިފައި ނުވާ އިރު މެޗުގެ 77 ވަނަ މިނެޓްގައި އެޓީމުގެ ޑިފެންޑަރު ލެންގްލެޓްއަށް ވަނީ ދެވަނަ ރީނދޫ ކާޑެއް ދައްކާ ރަތް ކާޑެއް ދައްކާފައެވެ.

މި ގްރޫޕްގެ އަނެއް ދެ ޓީމު ވެސް އެޓީމުތަކުގެ ފުރަތަމަ މެޗު ކުޅުނު އިރު އެމެޗުން މޮޅުވީ ބްރެޒިލްއަށް ނިސްބަތްވާ ކްލަބެއް ކަމަށްވާ ބޮޓަފޮގޯއެވެ. އެޓީމު މޮޅުވީ އެމެރިކާގެ ސިއޭޓަލް ސައުޑާސްއާ ދެކޮޅަށް ކުޅެ 2-1 ގެ ނަތީޖާއަކުންނެވެ.

ގްރޫޕް ބީގެ ފުރަތަމަ ދެ މެޗަށް ފަހު ތާވަލުގެ ކުރީގައި މިވަގުތު ގޯލުގެ ތަފާތުން އޮތީ ޕީއެސްޖީއެވެ. ދެވަނައިގައި ބޮޓަފޮގާ އަދި ތިން ވަނައިގައި ސިއޭޓަލް ސައުންޑާސް އޮތް އިރު އެންމެ ފުލުގައި އޮތީ އެތްލެޓިކޯ މެޑްރިޑްއެވެ.

މުބާރާތުގެ ގްރޫޕްއޭގެ ދެވަނަ މެޗު ވެސް މިއަދު ވަނީ ކުޅެފައެވެ. މި މެޗުގައި ބްރެޒިލްގެ ޕާމައިރޭސް އާ ޕޯޗުގަލްގެ ޕޯޓޯ ވާދަކުރި އިރު މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ. މި ގްރޫޕްގެ ފުރަތަމަ މެޗުގައި އިންޓާ މަޔާމީ އާ މިސްރުގެ އަލް އަހްލީ ވާދަކުރި އިރު މި މެޗު ވެސް ވީ 0-0 އިން އެއްވަރެވެ. އެހެން ކަމުން މި ގްރޫޕްގެ ދެ މެޗު ކުޅުނު އިރު ހުރިހާ ޓީމެއް ވެސް އޮތީ ހުރިހާ ގޮތަކުން އެއްވަރުވެފައެވެ.