ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން މަސް ކިލޯ އެއް ގަންނަ އަގު 25 ރުފިޔާ އަށް ބޮޑުކޮށްފައި ވަނިކޮށް، މި ސަރުކާރުން 20 ރުފިޔާ އަށް އަގު ދަށްކުރީ ދައުލަތުން އުފުލަން ޖެހޭ މާލީ ބުރަ ބޮޑުވުމުން ކަމަށް، ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ނިމިދިޔަ ސަރުކާރުން މަސް ކިލޯ އެއް ގަންނަ އަގު 17 ރުފިޔާ އިން 25 ރުފިޔާ އަށް ބޮޑުކުރިކަން ހާމަކުރީ މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ނިމި، ދެވަނަ ބުރުގައި ކުރި ކެމްޕެއިންގެ ތެރެއިންނެވެ.

ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ މިކަމާ ގުޅިގެން ކުރި ސުވާލަށް ޖަވާބުދެއްވަމުން ޝިޔާމް ވިދާޅުވީ، ކުރީ ސަރުކާރުން އިންތިހާބުގެ ތެރޭގައި މަސް ގަންނަ އަގ ބޮޑުކުރީ ސިޔާސީ މަގްސަދެއް ހާސިލުކުރުމަށް ކަމަށާއި، އެ ބަދަލު އޭރު ގެނައީ އެއްވެސް ދިރާސާއެއް ކުރުމެއް ނެތި ކަމަށެވެ.

ޝިޔާމް ވިދާޅުވީ، ސަރުކާރު މަސް ކުންފުނި މިފްކޯ އިން މަސް ކިލޯ އެއް ގަންނަ އަގު 20 ރުފިޔާ އަށް ވުރެ ދަށްނުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ހުރި ވަރަށް ބައްލަވައި، މިފްކޯގެ ހިންގުން ހަރުދަނާކުރުމުގެ ވިސްނުންފުޅުގައި ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި:

  • ބޭރުގެ ބާޒާރުތަކުން ޓަނެއް ގަންނަނީ އެވަރެޖްކޮށް 1،450 ޑޮލަރަށް، އެއީ ކިލޯއަކަށް 22.40
  • އޭރު 25 ރުފިޔާ އަށް ކިލޯ އެއް ގަންނަ އަގު ބަދަލުކުރުމުން މަސް ކިލޯއަކުން 2.60 ރުފިޔާގެ ގެއްލުމެއް ވާނެ
  • މިފްކޯގެ ހިންގުމުގެ ހަރަދަށް 35 ޕަސެންޓު އިތުރުކޮށްފިނަމަ މަސް ކިލޯއަކުން 11 ރުފިޔާގެ ގެއްލުން ވާނެ

25 ރުފިޔާ އަށް މަސް ކިލޯއެއް މި އަހަރު ގަންނަ ނަމަ، ދައުލަތުގެ ބަޖެޓުން ސަބްސިޑީގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ހަރަދުުރަން ޖެހޭނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިދިޔަ އަހަރު ސަބްސިޑީގެ ގޮތުގައި 250 މިލިއަން ރުފިޔާ ބަޖެޓުކުރެވިފައި އޮއްވާ މިދިޔަ ސަރުކާރުން ގެނައި ބަދަލާ އެކު 500 މިލިއަން ރުފިޔާ އަށް ސަބްސިޑީ ބޮޑުވެގެން ދިޔަ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ކަމަށާއި، އެހެންކަމުން ދައުލަތަށް މިހާރު ލިބޭ އާމްދަނީން 1.1 ބިލިއަން ރުފިޔާ ސަބްސިޑީގެ ގޮތުގައި ދެއްކުމަކީ ސަރުކާރަށް ވާނެ ކަމެއް ނޫން ކަމަށެވެ.