ކުރީ ސަރުކާރުން މަހުގެ އަގު ބޮޑުކުރުމުގެ ސަބަބުން މަހުގެ އުފެއްދުންތައް އުފައްދާ ކުދި ފަންތީގެ ވިޔަފާރިތަކާއި މެދު ފަންތީގެ ވިޔަފާރިތައް ބަނގުރޫޓުވެ ދަރަނިވެރިވި ކަމަށް، ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ޝިޔާމް ވިދާޅުވީ، ކަނޑު މަހުގެ އުފެއްދުންތައް އުފައްދާ ކުދި ފަންތީގެ ވިޔަފާރިތަކާއި މެދު ފަންތީގެ ވިޔަފާރިތަކަށް ސަރުކާރުތަކުން އަޅާނުލާ ދޫކޮށްލާފައި އޮންނަ ކަމުގެ ޝަކުވާ އަބަދު ވެސް ލިބެމުންދާ ކަމަށެވެ.
އެ ވިޔަފާރިތައް މިފަދަ ހާލަތެއްގައި އޮއްވާ ކުރީ ސަރުކާރުން މަސް ގަންނަ އަގު 17ރ އިން 25ރ އަށް ބޮޑުކުރުމުގެ ނަތީޖާއެއްގެ ގޮތުން އެ ވިޔަފާރިތަކުގެ ހާލަތު ގޯސްވެގެން ދިޔަ ކަމަށާއި، އެގޮތުން އެ ވިޔަފާރިތައް ބަނގުރޫޓުވެ، މިފްކޯއިން މަސް ގަންނަ ހާލަތަށް ބަދަލުވެގެން ދިޔަ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އެ ނިންމުމުގެ ސަބަބުން މަހުގެ އުފެއްދުންތައް އުފައްދާ ކުދި ފަންތީގެ ވިޔަފާރިތަކާއި މެދު ފަންތީގެ ވިޔަފާޜިތަކުގެ އިތުރުން އަމިއްލަ ޕްރައިވެޓް ކުންފުނިތައް ވެސް ބަނގުރޫޓުވާ ހިސާބަށް ދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވުމަށް ފަހު ދުނިޔޭގެ ބާޒާރުގެ އަގަށް ބެލުމަށް ފަހު ގެނައި ބަދަލުގެ ނަތީޖާއެއްގެ ގޮތުން މަސް ކައްކާ ފަރާތްތަކަށް ވެސް މަސް ލިބޭނެ މަގު ތަނަވަސްވެގެން ދިޔަ ކަމަށެވެ.
ސަރުކާރުން ބައިނަލްއަގުވާމީ ބާޒާރުގެ އަގުތަކަށާއި މަސް ބޭރުކުރުމަށް ހިނގާ ހަރަދުތަކަށް ބަލައި މަސް ގަންނަ އަގަށް ބަދަލު ގެނައީ މިދިޔަ ޖޫން މަހުގެ ފަހުކޮޅުގައެވެ. މި އަގު ކޮންމެ ހަފްތާއަކު އިއުލާނުކުރާނެ ކަމަށް ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން އޭރު ބުންޏެވެ.