ދުވަން ނުކުމެ އެޅެނިކޮށް ވިމެން ފުޓްބޯލް ކްލަބްގެ އެއް ފައުންޑަރު އަދި ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިޔާ މަރިޔަމް މުހައްމަދު (މާޔަން) ގެ ފަށް ފޭރިގަތް މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެ މައްސަލާގައި ދެ ފިރިހެނުން މިއަދު ހައްޔަރުކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ އެއީ 25 އަހަރުގެ މީހަކާއި 27 އަހަރުގެ މީހެއް ކަމަށެވެ.

އިއްޔެ ފަތިހު ހިނގި އެ ހާދިސާގައި މާޔަން ބުނީ އެ ހާދިސާ ހިނގީ ހުޅުމާލޭ ފުރަތަމަ ފިޔަވައްސާ ދެވަނަ ފިޔަވަހި ގުޅޭ ސަރަހައްދުން އޭނާ ދުވެފައި ގޮސް ރެއިންކްރެސްޓް ރެސިޑެންސް ކައިރިން "ކްލޭ ސްޓޫޑިއޯ" ހުންނަ މަގަށް އެޅި ވަގުތު ކަމަށެވެ. އަދި އިއްޔެ ދުވަން ނުކުތް އިރު އެ ސަރަހައްދުގައި ހެލްމެޓް އަޅައިގެން ތިބި ދެ މީހަކު ސައިކަލެއްގެ މަތީގައި ތިބި ކަމަށް މާޔަން ވަނީ ބުނެފައެވެ.

މާޔަން ބުނީ އޭނާ ދުވަމުން ގޮސް މަގު ހުރަސްކުރަން އުޅެނިކޮށް ކުއްލިއަކަށް ފަހަތުން އައިސް އޭނާގެ ކަރުގައި ހިފާ ފަށް ނަގާފައިވާކަމަށާ އެ ވަގުތު އެހީއަށް އެދި ބާރަށް ހަޅޭއްލަވަން ފެށުމުން ބިދޭސީއަކު އައިސް އެ މީހުން އަތު ޖެހޭތޯ ފަހަތުން ދުވި ކަމަށެވެ. އަދި އެމީހުންގެ ސައިކަލު ނަންބަރުވެސް ބަލަން ހަނދާން ނެތްކަމަށް މާޔަން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އެ މައްސަލައިގެ ރިޕޯޓް ލިބުމާއެކު އެކަން ބަލަމުން އަންނަ ކަމަށެވެ.