ރައްޔިތުންނަށް ދެވޭ ހިދުމަތުގެ ފެންވަަރު ރަނގަޅު ކުރުމާއި މުވައްޒަފުންގެ ހުނަރާ ގާބިލުކަން އިތުރު ކުރުމުގެ މަސައްކަތަކީ އެންމެ އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމެއް ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

ފަހުމީ މިހެން ވިދާޅުވީ، ގައުމީ ދިފާއީ ބާރާއި ސްޓެލްކޯ ގުޅިގެން ގިރިފުށީ ޓްރެއިން ސެންޓަރުގައި ސްޓެލްކޯގެ ހުރިހާ މުވައްޒަފުންނަށް އަމާޒުކޮށްގެން ބޭއްވި ޓްރެއިނިންގައި 120 މުވައްޒަފުން ޓްރެއިނިން ފުރިހަމަ ކުރުމާ ގުޅިގެންނެވެ.

ފަހުމީ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މައި ސިޔާސަތަކީ ސަރުކާރުގެ އިދާރާތަކާ މުއައްސަސާތަކުން ރައްޔިތުންނަށް ހިދުމަތް ދިނުމުގައި، އެ ރައްޔިތުން އެދޭ ގޮތަށް ހިނިތުންވުމާ އޯގާތެރިކަމާއެކު ހިދުމަތް ދިނުން ކަމަށެވެ. ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމާ ހަވާލުވުވެވަޑައިގެތުމަށް ފަހު، ރައީސް މުއިއްޒުގެ ލަފާފުޅާއި އިރުޝާދުފުޅުގެ ދަށުން އެންމެ އިސްކަމެއްދީގެން ކުރިއަށް ގެންދާ އެއްކަމަކީ ރައްޔިތުންނަށް ދޭ ހިދުމަތުގެ ފެންވަަރު ރަނގަޅު ކުރުމާއި މުވައްޒަފުންގެ ހުނަރާ ގާބިލުކަން އިތުރުކުރުން ކަމަށް ފަހުމީ ވިދާޅުވިއެވެ.

އެގޮތުން އެމްއެންޑީއެފްއާ ސްޓެލްކޯ ގުޅިގެން ގިރިފުށީގައި ވަނީ ސްޓެލްކޯގެ ހުރިހާ މުވައްޒަފުންނަށް އަމާޒުކޮށްގެން ލީޑާޝިޕް އެންހޭންސްމަންޓް ޓްރެއިނިން ޕްރޮގުރާމެއް ފަށާފައެވެ. އޭގެ ސަބަބުން ރައްޔިތުންނަށް ދޭ ހިދުމަތުގެ ކޮލިޓީ ރަނގަޅު ކުރެވި، ސްޓެލްކޯގެ ސަފުތައް ބަދަހި ކުރެވި، މުވައްޒަފުންގެ މަސައްކަތުގެ އަހްލާގު ހަރުދަނާވެ، ރައީސް މުއިއްޒު އެދިވަޑައިގަންނަވާ ފެންވަރާ މިންވަރުގައި ހިދުމަތް ދިނުމުގެ ރޫހު އާލާވެގެންދާނެ ކަމާމެދު ޝައްކެތްނެތް ކަމަށް ފަހުމީ ވިދާޅުވިއެވެ.

އަދި މިއަދުގެ ނިޔަލަށް 120 މުވައްޒަފުން އެ ތަމްރީނު ފުރިހަމަ ކުރުމަކީ ވަރަށްބޮޑު އުފަލެއްގެ ގޮތުގައި ފަހުމީ ފާހަގަ ކުރެއްވިއެވެ. އެ ޕްރޮގްރާމް ހިންގުމުގައި ދިވެހި އަސްކަރިއްޔާއިން ދޭ އެއްބާރުލުމާ އެހީތެރިކަމަށް ފަހުމީ ވަނީ ފަށްފަށުން ޝުކުރު އަދާ ކުރައްވާފައެވެ.