ޖެނުއަރީ މަހު ސަރުކާރުގެ ރިކަރަންޓު ހަރަދަށް 2.5 ބިލިއަން ރުފިޔާ އަދި އާމްދަނީގެ ގޮތުގައި 3.6 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން އާންމުކުރަމުން އަންނަ ސަރުކާރުގެ އާމްދަނީ އާއި ހަރަދުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް އާމްދަނީ އަދި ހިލޭ އެހީގެ ގޮތުގައި 3.6 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި ހަރަދު ކުޑަކޮށްގެން ބަޖެޓު ސާޕްލަސްގެ ގޮތުގައި އެއް މަސް ދުވަސް ތެރޭ 585 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

ހަރަދުތައް ކުޑަ ކޮށްގެން 585 މިލިއަން ރުފިޔާ ބަޖެޓު ސާޕްލަސްގެ ގޮތުގައި ލިބިފައިވަނީ ހިންގުމުގެ އިދާރީ އެކި ހަރަދުތަކާއި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ކުރާ ހަރަދުތައް ކުޑަ ކޮށްގެންނެވެ. އެގޮތުން މިދިޔަ މަހު އުމްރާނީ ތަރައްގީއަށް 287.5 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު މިދިޔަ އަހަރުގެ އެ މުއްދަތުގައި ހަރަދުކުރީ 1.7 ބިލިއަން ރުފިޔާއެވެ. އަދި ރިކަރަންޓް ހަރަދަށް މިދިޔަ މަހު 2.5 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު މިދިޔަ އަހަރު ވަނީ 3.1 ބިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. ކެޕިޓަލް ހަރުދުތަކަށް 446.9 މިލިއަން ރުފިޔާ މިދިޔަ މަހު ކޮށްފައިވާއިރު، މިދިޔަ އަހަރު ވަނީ 1.9 ބިލިއަން ހަރަދުކޮށްފައެވެ.

ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓުގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ޖެނުއަރީއާ އަޅާބަލާއިރު މިއަހަރު ރިކަރަންޓް ހަރަދު ވަނީ 544 މިލިއަން ރުފިޔާ މަދުވެފައެވެ. ނަމަވެސް މުސާރަ އާއި އިނާޔަތްތަކަށް ކުރާ ހަރަދަށް ވަނީ 900 މިލިއަން ރުފިޔާއިން 1 ބިލިއަން ރުފިޔާ އަށް އިތުރުވެފައެެވެ.

ލިބޭ އާމްދަނީ އިން މަސްދުވަހުގެ ރިކަރަންޓް ހަރަދު ހަމަޖެއްސުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ވައުދަކަށް ވާއިރު ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ފުރަތަމަ އެއްމަސް ދުވަސް ފާއިތުވީއިރު ސަރުކާރަށް މަސް ދުވަސްތެރޭ ލިބިފައިވާ އާމްދަނީ އިން ރިކަރަންޓް ހަރަދުތައް ހަމަޖެއްސެއެވެ.