ރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މާދަމާ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ފުރާވަޑައިގަންނަވަން ނިންމަވައިފިއެވެ.

ރައީސް މުއިއްޒު ޔޫއޭއީއަށް ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރުގެ ވަގުތެއްގައެވެ. އެ ދަތުރުފުޅަކީ ވޯލްޑް ގަވާމަންޓްސް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅެކެެވެ.

މި މަހުގެ 12 އިން 14 އަށް ކުރިއަށްގެންދާ އެ ސަމިޓު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ.

ރައީސްގެ މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސް ކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރައީސް ތުރުކީއަށް ކުރެއްވި ދަތުރުފުޅަށްފަހުކޮޕް 28 ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް މީގެ ކުރިން ޔޫއޭއީއަށް ވަޑައިގެންނެވިއެވެ. އަދި ރަސްމީ ދަތުރުފުޅެއްގައި އެންމެ ފަހުން ރައީސް ވަޑައިގެންނެވީ ޗައިނާއަށެވެ.

ދާދިފަހުން ތ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވަނީ މިހާރު ރާއްޖެއިން ބޭރަށް ކުރައްވަން ނިންމަވާފައިވާ ދަތުރުފުޅަށްފަހު ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލްތަކާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.