ހުޅުމާލޭގައި ވަގުތީ ކެޓް ޝެލްޓާ އެޅުމަށް ބޭނުންވާ ބިން އެގްރިކަލްޗާ މިނިސްޓްރީން މާލެ ސިޓީ ކައުންސިލާ ހަވާލުކޮށްފިއެވެ.

ބުޅާތަކަށް ހާއްސަ ޝެލްޓާއެއް ގާއިމް ކުރުމަށް 5000 އަކަފޫޓުގެ ބިމެއް ހަމަޖައްސާފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހިންނެވެ. މާލޭ ސަރަަހައްދުގައި ދިރިއުޅޭ ބުޅާތައް ބެލެހެއްޓުމަށް ވަގުތީ ފެސިލިޓީ ނިމޭއިރު ބުޅާތަކަށް ހާއްސަ ހޮޓަލަކާއި ޕާކެއްގެ އިތުރުން ފިހާރައެއް ހުންނާނެއެވެ..

އަދި އެ ފެސިލިޓީގައި އެސޮރުމެނަށް ފަރުވާދެވޭނެ އިންތިޒާމު ގާއިމްކޮށްފައި ހުންނާނެއެވެ. ވަގުތީ ޝެލްޓާ އެޅުމަށް ސިޓީ ކައުންސިލާ ހަވާލުކޮށްފައި ވަނީ ހުސްވި ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުއެވެ.

މާލޭގައި ބުޅަލުގެ އާބާދީ 3000 އަށް އަރާނެ ކަމަށާއި އެކަމަށް އެދެވޭ ހައްލެއް ނުލިބިއްޖެނަމަ ބުޅަލުގެ އާބާދީ 9000 އަށް އިތުރުވާނެ ކަމަށް މާލެ މޭޔަރު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ހުޅުމާލޭގައި ވަގުތީ ކެޓް ޝެލްޓާ އަޅަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި

ދާއިމީ ޕެޓް ކެއާ ފެސިލިޓީއެއް ގާއިމް ކުރުމަށް މި ސަރުކާރުން ނިންމާފައި ވަނީ ހުޅުމާލެ ދެވަނަ ފިޔަވައްސާ ގުޅިފައި އޮތް ފަރުކޮޅުފުށީގައެވެ. އެކަން ނިންމާ، ޖެނުއަރީ މަހުގެ 11 ވަނަ ދުވަހު ވަނީ އެއްބަސްވުމުގައި ސޮއިކޮށް ބިންވެސް ހަވާލުކޮށްފައެވެ.

މާލޭގައި ބުޅާ ގިނަވެ، އެސޮރުމެންގެ އުނދަގޫ ވަނީ އިންތިހާއަށް އިތުރުވެފައެވެ. އަދި އެ ސޮރުމެންގެ ސަބަބުން ގިނަ ބަޔަކަށް އުނދަގޫތަކާ ކުރިމަތިލާންޖެހޭއިރު އެއީ މިހާތަނަށް އައިއިރު ވެސް ހައްލު ނުވެ އޮތް ބޮޑު މައްސަލައެކެވެ.