ވ. ކެޔޮދޫ މިސްކިތުގެ މައި ދޮރާށީގެ ބިއްލޫރިގަނޑު ތަޅާލާ ގެއްލުންދިން މީހާ ޖަލަށް ލާން ހުކުމް ކޮށްފިއެވެ.

ވ.ކެޔޮދޫ ޒައިދު ބުނު ޘާބިތު މިސްކިތުގެ ބޮޑުދޮރުގެ ބިއްލޫރިގަނޑުގައި ގޮނޑިއަކުން ޖަހާ އެ ދޮރު ގެބިއްލޫރިގަނޑު ތަޅާލާފައިވަނީ ހުސްވި އަހަރުގެ އޭޕްރީލް މަހުގެ 25 ވަނަ ދުވަހުއެވެ. އެ މައްސަލައިގައި ދައުލަތުން ދައުވާކޮށްފައިވަނީ ވ. ކެޔޮދޫ ޑްރީމް ހައުސް އަހްމަދު އަފްރާއު އަލީގެ މައްޗަށެވެ.

އުމުރުން 27 އަހަރުގެ އަފްރާއު ގެ މައްޗަށް ދައުލަތުން އުފުލީ، މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާއެވެ. ނަމަވެސް ދައުލަތުން އޭނާގެ މައްޗަށް އުފުލި ދައުވާއަށް ވަނީ އިންކާރު ކޮށްފައެވެ. ނަމަވެސް، ދައުލަތުން ހުށަހެޅި ހެކިންގެ ހެކި ބަހަށް ބަލައި އޭނާގެ މައްޗަށް މައްސަލަ ސާބިތުވާ ކަމަށް ކަނޑައެޅީ އެ ރަށު މެޖިސްޓްރޭޓް ކޯޓުންނެވެ.

ދައުލަތުން ވަނީ ޝަފަހީ ހެކީގެ ގޮތުގައި 14 ހެކި ހުށަހަޅާފައެވެ. އޭގެ ތެރޭގައި މަންޒަރު ދުށް މީހުންނާއި ފުލުހުންގެ ބަޔާނާއި އެ ހިދުމަތުން ތައްޔާރު ކުރި ފޮޓޯ ރިޕޯޓުވެސް ހިމެނެއެވެ. ހެކިންގެ ހެކިބަހުން އިނގޭ ގޮތުގައި އަފްރާއު ދޮރުގެ ބިއްލޫރި ގަނޑު ތަޅާލުމަށް ބޭނުންކޮށްފައިވަނީ ނަމާދު ކުރުމަށް މިސްކިތުގައި ބޭނުން ކުރާ ލައްޕާ ދަނގަޑު ގޮނޑިއަކުންނެވެ.

ގާޒީ އަލީ ނަސީރު އިއްވެވި ހުކުމްގައި ބުނެފައި ވަނީ މިސްކިތު ދޮރުގެ ބިއްލޫރިގަނޑު ތަޅާލިކަމަށް އަފްރާއު އިންކާރު ކުރި ނަމަވެސް ދައުލަތުން ހުށަހެޅި ހެއްކާއި ގަރީނާއިން ޝައްކެއް ނެތް މިންވަރަކަށް އެ މައްސަލަ އޭނާގެ މައްޗަށް ސާބިތުވާ ކަމަށެވެ. އަދި 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ.

ނަމަވެސް، މި މައްސަލައިގެ ތަހުގީގު މުއްދަތުގައި އަފްރާއު ތިން މަހަށްވުރެ ގިނަ ދުވަހު ބަންދުކޮށްފައި ހުރުމުން، މައްސަލައިގައި އޭނާ ދެން އިތުރަށް ތަންފީޒު ކުރަން ޖެހޭ މުއްދަތެއް ނެތް ކަމަށް ހުކުމުގައި ވެއެވެ.

މީގެކުރިންވެސް ކެޔޮދޫ މިސްކިތުގައި ހުންނަ ހަތިމުތައް ވީދާލާ މައްސަލަވެސް ވަނީ ފެންމަތިވެފައެވެ. މިގޮތުން ކެޔޮދޫ މިސްކިތުގައި ހުރި ހަތިމުތަކެއް ދެ ފަހަރެއްގެ މަތިން ވީދާލާފައިވާއިރު 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ވެސް އެ ރަށު މިސްކިތުގައި އޮތް 10 ވަރަކަށް ހަތިމު ވީދާލާފައި ވެއެވެ. އަފްރާއު ހައްޔަރުކޮށްފައި ވަނީވެސް އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދަނިކޮށެވެ.