ކެޔޮދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތާއި ކެޔޮދޫ ހަދާ 4 ބުރީގެ ސްކޫލް އިމާރާތުގެ މަސައްކަތ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކެޔޮދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ހެލްތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމެވެ. އެމްޓީސީސީން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައުދީއެވެ.
މި މަޝްރޫއުގެ ދަށުން، އައު އިމާރާތް ތަރައްގީކުރަނީ 17,180 އަކަފޫޓުގެ ސަރަހައްދެއްގައެވެ. މި މަޝްރޫއުގެ ދަށުން ބިންގަނޑު ކޮނުމާއި، މޭޝަނަރީ އަދި ކޮންކްރީޓް މަސައްކަތް ކުރުމާއި، ޓައިލްސް ޖެހުމާއި، ދޮރާއި ކުޑަދޮރު ހަރުކުރުމާއި، ދަވާދު ލުމާއ،ި ދަގަނޑު މަސައްކަތްތަކާއ،ި ހައިޑްރޯލިކްސް އަދި ޑްރެއިނޭޖް މަސައްކަތާއި، ކަރަންޓު ވަޔަރު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ. މީގެ އިތުރުން މެޑިކަލް ގޭސް ސިސްޓަމެއް ހަރުކުރުމާއ،ި އެއާ ކޮންޑިޝަން ސިސްޓަމެއް ހަރުކުރުމާއި، އަލިފާން ނިއްވާ ނިޒާމެއް ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ތެރެއިން ކުރިއަށް ދާނެއެވެ.
މި މަޝްރޫއަކީ 29.89 މިލިއަން ރުފިޔާއަށް 720 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.
އާބާދީގައި 917 މީހުންގެ ކެޔޮދޫއަކީ ފަތުރުވެރިކަމަށް މަޝްހޫރު ރަށެކެވެ. ކެޔޮދޫ ސިއްހީ މަރުކަޒުގެ އަލަށް ހަދާ އިމާރާތުގެ މަސައްކަތް ފުރިހަމަވުމާއެކު، މި ރަށުން ލިބިގެންދާ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުވެ، މުޅި ރަށުގެ އާބާދީއަށް ހެޔޮ ފައިދާތަކެއް ކުރާނެ ކަމަށް ހެލްތް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން ކެޔޮދޫ ހަދާ 4 ބުރީގެ ސްކޫލް އިމާރާތުގެ މަޝްރޫއުގެ މަސައްކަތްވެސް މިއަދު ވަނީ އެމްޓީސީސީ އާއި ހަވާލުކޮށްފައެވެ. ކެޔޮދޫ ސްކޫލް އައު އިމާރާތް ކުރުމުގެ މަޝްރޫއުގެ ދަށުން 11 ކްލާސްރޫމާއ،ި 1 ސްޓާފްރޫމާއ،ި 1 ކޮމްޕިއުޓާ ލެބާއ،ި 1 ސައިންސް ލެބް އިމާރާތްކުރުމަށް ހަމަޖެހިފައިވާއިރު މި މަޝްރޫއު އެމްޓިސީސީއާ ހަވާލުކުރައްވާފައިވަނީ 23.79 މިލިއަން ރުފިޔާއަށް 360 ދުވަސްތެރޭ ނިންމުމަށެވެ.