ވ.ކެޔޮދޫގެ ބިން ހިއްކުމުގެ މަސައްކަތް، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން، ހިންގަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކެޔޮދުއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ތަރައްގީގެ އަމަލީ ސިފަ ކެޔޮދޫއަށް ގެންނަވާނެކަމަށެވެ. މިދަތުރުފުޅުގައި އަލަށް ސޮއިކުރެވުނު މަޝްރޫއުތަކަކީ ރަށުގެ ތަރައްގީ އާއި ރަށުގެ ކުރިމަގަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ މަޝްރޫއުތަކެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެ ރަށު ސްކޫލްގެ އައު އިމާރާތާއި، ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްގެންގޮސް، ރަށުގެ ރައްޔިތުންނަށް އޭގެ ލުއިފަސޭހަ ލިއްބައިދޭނެކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ސިއްހީ މަރުކަޒުގައި ލެބޯރެޓަރީ އާއި އެހެނިހެން މުހިންމު ފެސިލިޓީތައް ގާއިމުކުރައްވާނެކަމަށެވެ. ސްކޫލް މަސައްކަތަކީވެސް ރަށުގެ ކުރިމަގަށް ވަރަށް މުހިންމު މަސައްކަތެއް ކަމުގައެވެ.

ކެޔޮދޫ ރައްޔިތުންނަށް ވެފައިވާ އެންމެ ބޮޑު ވައުދަކީ ބިން ހިއްކުންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މިއީ ރަށުގެ ކުރިމަގާއި ގުޅިފައިވާ އެންމެ ބޮޑު މަސައްކަތްކަމަށެވެ. ރައީސް ވިދާޅުވީ މިއަހަރަށް އިސްކަންދީގެން ގިނަ މަޝްރޫއުތަކެއްގެ މަސައްކަތްތަކެއް ފަށާފަވާއިރު، 2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އެންމެ އިސްކަން ދެއްވާނީ ކެޔޮދޫގެ ބިން ހިއްކުމުގެ މަސައްކަތަށް ކަމަށެވެ.

ފަތުރުވެރިކަމަށް ސަރުކާރުން ފަހިކޮށްދޭ ލޯނު ސްކީމްތަކުގެ ލުއިފަސޭހަކަންވެސް ރަށްރަށަށް ހޯއްދަވައިދެއްވަމުންދާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އަންނަ އަހަރުގެ ކުރީކޮޅު އެރަށުގައި ޑޮލަރު އޭޓީއެމްގެ ހިދުމަތްވެސް ފަށްޓަވައިދެއްވާނެކަމަށެވެ.