ރަސްމީ ދަތުރެއްގައި ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް ސްރީލަންކާއަށް މިއަދު ފުރާވަޑައިގެންފިއެވެ.

އެމްއެންޑީއެފްއިން ބުނީ ސްރީލަންކާގެ ޑިފެންސް ސާވިސަސް ކޮމާންޑް އެންޑް ސްޓާފް ކޮލެޖުގެ ޝަރަފުވެރި ގްރެޖުއޭޓެއް ކަމުގައިވާ އަބްދުއްރަހީމް ސްރީލަންކާއަށް ފުރާވަޑައިގެންފައިވަނީ އެ ކޮލެޖުގެ ކޮމަޑާންޓް، މޭޖާ ޖެނެރަލް ލަސަންތާ ރޮޑްރިގޯގެ ދައުވަތަކަށް ކަމަށެވެ.

މި ދަތުރުގައި އަބްދުއް ރަހީމް ލީޑާޝިޕާއި ދިފާއީ ދާއިރާއަށް ކޮށްދެއްވަމުންގެންދަވާ ނަމޫނާ ހިދުމަތްތަކުގެ އަގުވަޒަން ކުރެއްވުމުގެ ގޮތުން އޭނާގެ ޝަރަފުގައި ބޭއްވުމަށް ހަމަޖެހިފައިވާ ހާއްސަ ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ދަތުރުގައި ސްރީލަންކާގެ އަސްކަރީ ލީޑާޝިޕްގެ ބޭފުޅުންނާ ބައްދަލުކުރައްވައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށާއި ދިފާއީ ދާއިރާއާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

އެމްއެންޑީއެފްއިން ބުނީ ދެ ގައުމުގެ މަސްލަހަތު ހުރި އެކި ދާއިރާތަކާއި އިސްތިރާޖީ ގުޅުން ވަރުގަދަކޮށް، ދެ ގައުމުގެ ސިފައިންގެ މެދުގައި އެއްބާރުލުން އިތުރުކުރުމާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ދަތުރުގެ ސަބަބުން ރާއްޖެއާއި ސްރީލަންކާގެ އަސްކަރިއްޔާއާ ދެމެދު އޮތް ޒަމާންވީ އެކުވެރިކަމާއި ދިފާއީ އަދި ސަލާމަތީ ކަންކަމުގައި އެއްބާރުލުމާއި ގުޅުން ބަދަހިވެގެންދާނެ ކަމަަށް ވެސް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފަކީ އަސްކަރީ ތާރީހުގައި ލެފްޓިނެންޓް ޖެނެރަލްގެ ރޭންކާއި ހަމައަަށް ވަޑައިގެންނެވި ތިންވަނަ ބޭފުޅާއެވެ.