ޓޫރިޒަމް މިނިސްޓްރީ އަދި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީން މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީއެއްގެ ގޮތުގައި ހުންނެވީ ފާތިމަތު ނިލްފާ އެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ނިލްފާ ޕީއެސްގެ މަގާމަށް އައްޔަން ކުރެއްވީ 2021 ވަނަ އަހަރުގެ މާޗް މަހުއެވެ. މީގެ ކުރިން ނިލްފާ ވަނީ ހިއުމަން ރައިޓްސް ކޮމިޝަންގައި 20 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފަައެވެ.

ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ޕީއެސްއަކަށް ހުންނެވި އަބްދުލްރަހުމާން ސަލާހު ރަޝީދު ވެސް މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ ހަމަ އެދުވަހުއެވެ. އޭނާ އެ މަގާމާ ހަވާލުވެވަޑައިގަތީ އޭޕްރީލް 9، 2020 ގަ އެވެ.

ދާދި ފަހުން ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުގައި ހުންނެވި އަހުމަދު އަލީވެސް އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ. ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބަލަމުންދާ މައްސަލައާ ގުޅިގެން ސަސްޕެންޝަނުގައި ހުންނެވި އަލީ އެ މަގާމުން އިސްތިއުފާދެއްވީ މި މަހުގެ 4 ވަނަ ދުވަހުއެވެ.

ސިވިލް ސާވިސް ކޮމިޝަނުން މިހާރު ވަނީ އެ މަގާމުތަކަށް މީހުން ހޯދުމަށް އިއުލާން ކޮށްފައިވާއިރު ޕީއެސްގެ މަގާމަށް މަހު މުސާރައެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 20،500 ރުފިޔާއެވެ. އަދި ލިވިންގް އެލެވެންސްގެ ގޮތުގައި 15،000 ރުފިޔާ ދިނުމަށް ކަނޑައަޅާފައި ވެއެވެ.