މި ދިގު މާޒީގައި ތ އަތޮޅު މިހާ ބޮޑަށް ރާޑަރުން ކައްސާލާ، ފަހަތަށް ގޮސްފައި އޮތް އޮތުން ނިމުމަކަށް ގެނެސްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުއިއްޒު މިފަދައިން ވިދާޅުވީ މިހާރު ތ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ކަނޑޫދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު ދޭން ބޭނުންވާ ޔަގީން ކަމަކީ ތ އަތޮޅަކީ ތަރައްގީގައި އެންމެ ކުރީ ސަފުގައި ފުރުސަތުތައް ލިބޭ ތަރައްގީވެފައި ހުރި ރަށްތަކެއް ހިމެނޭ އަތޮޅަކަށް މި ސަރުކާރުން ހަދައިދެއްވާނެ ކަމަށެވެ.
އެ ރަށުގެ ކައުންސިލްގެ ރައީސް ދެއްކެވި ވާހަކަތަކަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ ކައުންސިލް ރައީސް ޝަކުވާއެއްގެ ގޮތުގައި ސިފަކުރެއްވި ނަމަވެސް އެއީ ޝަކުވާއެއް ނޫން ކަމަށާއި ކަންކަން ނުވެ އޮތުމުން އެ ވާހަކަތައް ބަޔާންކުރަން ޖެހޭނެ ކަމަށެވެ. އަދި ސަރުކާރެއް ހޮވަނީ ކަންކަން ކޮށްދޭން ކަމަށް ރައީސް ވިދާޅުވިއެވެ.
ހަގީގަތް ތަކުރާރުކޮށްލައްވާ ކަމަށް ފާހަގަކުރައްވާ ރައީސް ވިދާޅުވީ އިގްތިސޯދީ ކަންތައްތައް ސަރުކާރު ބަދަލުވީއިރު ހަލާކުކޮށްލާފައިވާ ކަމަށާއި ރަނގަޅު ކުރުމަށް ވަރަށް ގިނަ މަސައްކަތް ފަށައިގެން އުޅުއްވާ ކަމަށެވެ. އަދި އެ މަސައްކަތުގެ ރަނގަޅުކަން އައިއެމްއެފްއިން ރާއްޖެ އައިސް ދެ ހަފްތާއެއް ހާ ދުވަހު އަމިއްލައަށް ކުރި ދިރާސާއިން މިއަދު ބަޔާން ނެރެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އިގްތިސޯދީގޮތުން ނިންމަން ޖެހޭ އުނދަގޫ ނިންމުންތައް ނިންމަމުންވެސް ތަރައްގީއަށްޓަކައި މަސައްކަތްތައް ތަރުތީބުކުރަމުންދާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަސް ތެރޭގައި ކައުންސިލްތަކާއި އިދާރާތަކާ ވާހަކަދައްކައިގެން ކުރަން ހުރި މަސައްކަތްތައް ތަރުތީބުކޮށްލަން ރައީސް ވަނީ އެދިވަޑައިގެންފައެވެ.
ރައީސް ވިދާޅުވީ ތަރުތީބުކޮށްގެން އެންމެ އިސްކަމެއް ދޭން ޖެހޭ ކަންކަމަށް އިސްކަން ދީގެން މަސައްކަތްތައް ކުރާނެ ކަމަށާއި ބަހާލައިގެން ކުރިއަށްގެންދަން މަސައްކަތް ކުރާނަމަ އާމްދަނީއާއި ކުރާ ހަރަދު ދެކޮޅު ޖައްސަމުން ކުރިއަށްގެންދެވޭނެ ކަމަށެވެ. އަދި ކަނޑޫދޫއަށް ބޭނުންވާ ކަންކަން ފާހަގަކުރިއިރު ސިއްހީ ނިޒާމުގެ ވާހަކަ ފާހަގަކުރި ކަމަށާއި ބަޔަކާ ހަވާލުކުރެވިފައި އޮތް މަސައްކަތެއް ނުހިނގާ އެކަން ނުވެ އޮތް ވާހަކަވެސް ކައުންސިލްގެ ރައީސް ފާހަގަކުރެއްވި ކަމަށް ރައީސް ވިދާޅުވިއެވެ.
އެ ރަށުގައި ތެެލެސީމިއާ ކުދިން ތިބުމާއި އެހެން މީހުންނަށްވެސް ދިމާވާ ދަތިތައް ކައުންސިލްގެ ރައީސް ފާހަގަކުރެއްވިކަންވެސް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ރައީސް ވިދާޅުވީ ތެލެސީމިއާ ކުދިންނަށް ފަރުވާ ދިނުމަކީ ވަރަށް މުހިއްމު ސިޔާސަތެއް ކަމަށާއި ކެމްޕެއިނުގައި ވައުދުވެވަޑައިގެން ކެބިނެޓުން އެކަމާ ގުޅޭ މުހިއްމު ނިންމުންތަކެއް ނިންމާފަިއވާ ކަމެއް ކަމަށެވެ. އަދި ރަށްރަށުން އެ ރަށެއްގެ ނިސްބަތުން އެ ފަރުވާ ދެވޭނެ އެންމެ މަތިން އެ ފަރުވާ ދެވޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވާނެ ކަަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ ރަށުގެ ސިއްހީ ނިޒާމު ވަރުގަދަކުރަން އެ ރަށުގައި ކުރިއަށްގެންދަން ޖެހޭ ސިއްހީ މަރުކަޒުގެ މަޝްރޫއަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށާއި މިހާރު އެމަނިކުފާނު އެ ކުރައްވަމުންގެންދަވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެން ކަމާ ބެހޭ ހުރިހާ މަސައްކަތްތައް އަވަސްކުރުވާ އެ މަޝްރޫއު ރަނގަޅަށް ނިންމަދެއްވާނެ ކަމަށެވެ. އަދި އެ މަޝްރޫއު ނިމޭއިރު ލެބޯޓްރީގެ ހިދުމަތް ތަމްރީނު ލިބިފައިވާ މުވައްޒަފުންނާއެކު ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.