އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓް އާ އަލްބަމެއް ނެރެން ތައްޔާރުވެއްޖެއެވެ.

އަންނަ އޭޕްރިލް މަހު ޓޭލާ ނެރޭ އާ އަލްބަމަކީ "ދަ ޓޯޗާޑް ޕޮއެޓްސް ޑިޕާޓްމަންޓް" އެވެ. މި ނަމުން ނަންދީފައިވާ ލަވަ އަލްބަމް އޭޕްރިލް މަހުގެ 19 ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ ކަމަށް ލަވަކިޔުންތެރިޔާ ޓޭލާ ވަނީ ބުނެފައެވެ. ލަވަކިޔުންތެރިޔާގެ އާ ލަވަ އަލްބަމް އިއުލާންކުރީ އާދިއްތަ ދުވަހުގެ ރޭ ބޭއްވި ގްރެމީ އެވޯޑް ހަފުލާގެ ތެރެއިންނެވެ.

ގްރެމީ އެވޯޑު ހަފްލާގައި ވާހަކަ ދައްކަމުން ޓޭލާ ބުނީ "ދަ ޓޯޗާޑް ޕޮއެޓްސް ޑިޕާޓްމަންޓް" އަކީ ފާއިތުވި ދެ އަހަރުގެ ބުރަ މަސައްކަތް ކަމަށާއި އަލްބަމް އާންމުންނާ ހަމައަށް ގެނެވޭތީ ވަރަށް އުފަލުން ހުރި ކަމަށެވެ. އަދި އަލްބަމް ނެރުމުން އާންމުންގެ ކޮމެންޓްތައް ބެލުމަށް ކެތްމަދުވެފައި ހުރި ކަމަށްވެސް ލަވަކިޔުންތެރިޔާ ވަނީ ބުނެފައެވެ. މި އަލްބަމް އަންނަ އޭޕްރިލް މަހު ނެރުމުން ވެގެންދާނީ ޓޭލާގެ 11 ވަނަ އަލްބަމަށެވެ.

ޓޭލާ އެންމެ ފަހުން އަލްބަމެއް ނެރުނީ 2022 ގައެވެ. މިޑްނައިޓް ގެ ނަމުން ނަންދީފައިވާ އެ އަލްބަމުގައި ހިމެނެނީ ޖުމްލަ 13 ލަވައެވެ. އޭނާ ވަނީ 2020 ވަނަ އަހަރު ދެ އަލްބަމެއް އާންމުންނާ ހަމައަށް ގެނެސްދީފައެވެ. އެއީ ފޯކްލޯ އާއި އެވަމޯ އެވެ. އެ ދެ އަލްބަމަށް ވެސް އާންމުންގެ ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ. ފޯކްލޯ އަލްބަމުގައި ޖުމްލަ 16 ލަަވަ ހިމެނިފައިވެއެވެ. މި އަލްބަމް ބޮޑު ހިޓަކަށްވެ އެމެރިކާއާއި އިނގިރޭސިވިލާތުގެ ޗާޓުތަކުގެ އެއްވަނަ ހޯދިއިރު، މި އަލްބަމަށް ވަނީ ގްރެމީ އެވޯޑް ހަފްލާގައި އަލްބަމް އޮފް ދަ އިޔާ ލިބިފައެވެ. އެވާމޯ ގައި ހިމެނެނީ ޖުމްލަ 17 ލަވައެވެ.