ރައީސުލްޖުމްޖޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވެވުމަށް މާދަމާ ބާއްވާ ޖަލްސާ ދަ ޑިމޮކެރެޓްސް އިންވެސް ބޮއިކޮޓް ކޮށްފިއެވެ.

އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ، މާދަމާ، ބާއްވަވާ ޖަލްސާއަށް، ގާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ނ) ގެ ދަށުން ރައްޔިތުން މަޖިލީހުގެ ރުހުން ލިބިފައިނުވާ 3 (ތިނެއް) ބޭފުޅަކަށް ވަޒީރުންގެ ހައިސިއްޔަތުން ދައުވަތު ދެއްވާފައިވާކަން އެޕާޓީއަށް އެނގިފައި ވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން ވަޒީރުކަމުގެ ރުހުން ނުދެއްވި އެ 3 (ތިނެއް) ބޭފުޅުންނަށް ވަޒީރުންގެ ހައިސިއްޔަތުން މަޖިލީހުގެ އެ ޖަލްސާއަށް ދައުވަތު ދެއްވުމަކީ ގާނޫނުއަސާސީއާ ހިލާފު އަދި ރައްޔިތުންގެ މަޖިލީހުގެ ބާރާއި ހުރުމަތަށް ގޮންޖެހުމުގެ އަމަލެއް ކަމަށް އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕުން ދެކޭ ކަމަށާއި ސަރުކާރުގެ ގޣައިރު ގާނޫނީ މި ފަދަ އަމަލުތަކަށް ހިތްވަރާއި ބާރުލިބިދެވޭ ގޮތަށް ހިންގޭ ކަންކަމުގައި އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕުން އެއްބާރުލުން ނުދޭނެ ކަމަށް ބުނެފައި ވެއެވެ.

މި ސަބަބުތަކަށްޓަކައި މާދާމާ، ރިޔާސީ ބަޔާން އިއްވެވުމަށް ބާއްވަވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ޑިމޮކްރެޓުންނަށް ނިސްބަތްވާ މެމްބަރުން ވަޑައިނުގަންނަވާނެ ކަަމަށް ބުނެފައި ވެއެވެ.

ޑިމޮކްރެޓުން ޖަލްސާ ބޮއިކޮތް ކުރި އިރު އެމްޑީޕީންވެސް ވަނީ މާދަމާގެ ޖަލްސާ ބޮއިކޮޓް ކޮށްފައެވެ. އެމްޑޕީންވެސް ދެއްކި މައިގަނޑު ހުއްޖަތަކީ 3 ވަޒީރުންގެ ހުއްޖަތެވެ. އެ 3 ވަޒީރުންނަކީ، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އާއި، ހައުސިން މިނިސްޓަރު ޑރ. އަލި ހައިދަރު އަހުމަދާއި، ބަންޑާރަ ނައިބު އަހުމަދު އުޝާމެވެ.