އިދިކޮޅު އެމްޑީޕީގެ އެންމެ ވަރުގަދަ އެއް ކެންޑިޑޭޓް، އަދި މިހާރުވެސް މަޖިލީހުގައި އައްޑޫ މީދޫ ދާއިރާ ތަމްސީލު ކުރައްވަމުން ގެންދަވާ ރޮޒައިނާ އާދަމް އަށް އެމްޑީޕީ ޕްރައިމަރީ އިން ނާކާމިޔާބީ އާ ކުރިމަތިލާން ޖެހިއްޖެއެވެ.

މިއަދު އެމްޑީޕީ އިން ބޭއްވި މަޖިލީސް ޕްރައިމަރީގައި ރޮޒައިނާ ވާދަކުރެއްވީ އަލަށް އިތުރުކުރި ދާއިރާތަކުގެ ތެރެއިން، ފޭދޫ އުތުރު ދާއިރާއަށެވެ. މި ދާއިރާގެ އިންތިހާބުގައި މަރަދޫ ފޭދޫ އާއި ފޭދޫ ވަކި ސަރަހައްދެއްގެ ރައްޔިތުންނަށް ވޯޓުލުމުގެ ހައްގު ލިބިގެން ދިޔައިރު މި ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވީ މީގެ ކުރިން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމުވެސް އަދާކުރައްވާފައިވާ އަހްމަދު ޝަރީފް (ޑުންގާ)އެވެ.

އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސްގެ މަގާމުވެސް އާދަކުރައްވަމުން ގެންދަވާ ރޮޒައިނާ ވަނީ ވޭދުވެ ދިޔަ ދެ ދައުރުގައިވެސް މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ ގޮނޑި ކާމިޔާބުކޮށް، އެ ދާއިރާ ތަމްސީލުކުރައްވާފައެވެ. އައްޑޫގެ އެންމެ ފުރަތަމަ އަންހެން މެންބަރެއްގެ ގޮތުގައި މަޖިލީހަށް އިންތިހާބުވެ ވަޑައިގެންނެވި ރޮޒައިނާގެ ސިޔާސީ ހަޔާތް ޑީއާރްޕީއިން ފެށުނު ނަމަވެސް، ފަހުން އެމްޑީޕީ އާއި ގުޅި އެ ޕާޓީގެ އެންމެ އިސް ސަފުގައި ރޮޒައިނާ ވަނީ މަސައްކަތްކުރައްވާފައެވެ.

މި ގޮތުން ނިމިގެން ދިޔަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އެންމެ ނުފޫޒުގަދަ މެންބަރެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރި ރޮޒައިނާ ވަނީ ރިޔާސީ އިންތިހާބުގައިވެސް ރާއިސާ ސޯލިހްގެ ކެމްޕެއިންގައި ވަރަށް އިސްކޮށް ހަރަކާތްތެރިވެފައެވެ.