ގާޒާއަށް އިޒްރޭލުން ދެމުން ގެންދާ ހަމަލާތަކުން ސަލާމަތް ވާން ދާން އޮތް ހަމައެކަނި ތަނަކީ ރަފާ ކަމަށް އިޒްރޭލުން އައީ ބުނަމުންނެވެ. އެއާއެކު އެތައް ހާސް ބަޔަކު އުތުރު ދޫކޮށް ހިޔާވަހިކަން ހޯދީ ރަފާގައި ހުންނަ ރެފިއުޖީ ކޭމްޕް ތަކުގައެވެ.

2.3 މިލިއަންގެ އާބާދީއެއް އޮތް ގާޒާގެ ޗާތް މިހާރު ބަލައިފިނަމަ ހަމަލާ އަމާޒު ނުވާ އެންމެ ސަރަހައްދެއްވެސް ފެންނަން ނެތް އިރު ރަފާގެ ވަށައިގެން ވެސް އިޒްރޭލު ސިފައިން ދަނީ ހަމަލާ ދެމުންނެވެ.

ފުރި ބާރުވެފައި އޮތް ރަފާއަށް އެރުމުގެ ވާހަކަ ދައްކަމުން އިޒްރޭލުގެ ޑިފެންސް މިނިސްޓަރު ބުނެފައި ވަނީ ދެން އޮތް ޓާގެޓަކީ ރަފާ ކަމަށާއި އެއްގަމު މަގުން އަރައިގަތުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ކުރިއަށް ދާ ކަމަށެވެ.

މިއީ ހިމާޔަތް ހޯދައިގެން ދިޔަ މީހުންގެ އިތުރުން ބައިނަލްއަގުވާމީ އެހީދޭ ޖަމާއަތްތަކުގެ މެދުގައި ވެސް ބިރުވެރިކަން އުފެދިގެން ދާ މައްސަލައެކެވެ. ހަމާސް އާ ގުޅުން ނެތް އެތައްހާސް ބަޔަކު އަދި ހާލުގައި ޖެހިފައި ތިބި އެތައް ހާސް ބަޔަކު ތިބި ރަފާއަށް އެއްގަމު މަގުން އަރައިގަތުމަކީ އެތައްހާސް ބަޔަކު ޝަހީދުވެގެން ދާނެ ކަމެއް ކަމަށާއި އިންސާނީ އެހީ ފޯރުކޮށްދިނުމަށް ވެސް ހުރަސްއެޅިގެން ދާނެ ކަމެއް ކަމަށް ބުނެފައި ވެއެވެ.

މިހާރު އިޒްރޭލުން ވަނީ، އިންސާނީ އެހީ ގާޒާއަށް ލިބުމުގައި ހުރަސް އަޅާ ފިއްތުންތައް ކުރިމަތި ކޮށްފައެވެ.

އިޒްރޭލުގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓް ބުނާގޮތުން ހާން ޔޫނިސްގައި ހަރަކާތްތެރިވާ ހަމާސް ގެ ބްރިގޭޑް މީހުން ފިލަން ވަދެ ތިބީ ރަފާގައެވެ. އެހެން ކަމުން އެމީހުން ނައްތާލުމަކީ ކޮންމެހެން ކުރަންޖެހޭ ކަމަށެވެ.

އަދަދުތައް ދައްކާގޮތުން 2.3 މިލިއަން އާބާދީގެ ތެރެއިން 1.9 މިލިއަން މީހުން މިހާރު ތިބީ ރަފާގެ ކޭމްޕްތަކުގައެވެ. އެންމެން ފިރި ބާރުވެ ހިޔާވަހިކަމެއް ނެތި ކާނެ އަދި ބޯނެ އެއްެޗެއް ނެތި ހާމަ މަގުތަކުގައި ނިދާ ހަދަމުން ދާ އިރު، މިއީ އިންސާނީ ބޮޑު ކާރިސާއެއް ކަމަށް މުރާސިލުން ސިފަ ކުރެއެވެ. މިހާރުވެސް ތަފާތު އެކިއެކި ބަލިތައް ފެތުރި 700،000 އަށް ވުރެ ގިނަ މީހުން ބަލިވެފައި ވާ ކަމަށް ހަބަރުތައް ބުނެއެވެ. ކާން ލިބެނީ ވިނަ އާއި، ތަޣައްޔަރުވެފައި ހުންނަ ތަކެއްޗެވެ. ބޯން ލިބެނީ ނަޖިސްވެ ނުވަތަ ތަޣައްޔަރު ވެފައި ހުންނަ ފެނެވެ.

މުރާސިލުން ބުނާގޮތުން އިޒްރޭލު ސިފައިން ޓޭންކްތަކުގައި ރަފާއަށް އަރައިގެންފި ނަމަ އެކަން ވެގެން ދަނީ ހިނގަމުން ދާ ގާޒާ ހަނގުރާމައިގައި މިހާތަނަށް ދެކެފައި ނުވާ ވަރުގެ ގަތުލުއާންމެއް ހިނގާނެ ކަމަކަށެވެ. މަރުވާ މީހުންގެ އަދަދު ހާހުން ހާހުން އަރައިގެން ދާނެއެވެ. މިހާރުވެސް 17،000 އެއްހާ ކުޑަކުދިން އެމީހުންގެ އާއިލާތަކާ ވެކިވެފައި ވާ އިރު، އެތައްހާސް މަޔަކާއި ބަފަޔަކު ވަނީ ދުނިޔެ ދޫކޮށް ގޮސްފައެވެ.

އިޒްރޭލުން މިވަގުތު އަމާޒު ހިފާފައި ވަނީ ގާޒާ އެކީއެކަށް ހުސްކޮށްލުމަށް ކަމަށް ވާއިރު، ގާޒާގެ އިތުރުގައި އާބާދުވުމަށް ޕްލޭންތަކެއްވެސް ވަނީ ކޮށްފައެވެ. އެގޮތުން ގެދޮރާއި ތަފާތު އެހެނިހެން ހިދުމަތްތައް ލިބޭނެ މަރުކަރުތަކާއި ކުޅިވަރާއި މަޖަލުގެ މައިދާންތައް ހަދާނެ ގޮތުގެ ޕްލޭންތައް ކޮށްފައި ވާ އިރު، ގާޒާގެ އުތުރުގައި ދިރިއުޅެން ދާން ބޭނުންވާ ޔަހޫދީންނަށް އަމާޒު ކޮށް ބޮޑު ކޮންފަރެންސެއްވެސް އިޒްރޭލުގައި ވަނީ ބާއްވާފައެވެ.

މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާއި މުޖުތަމައުން ދެކޮޅު ހަދާ ކަމެއް ނަމަވެސް އިޒްރޭލުން އެކަމަކާ އަޅައެއް ނުލައެވެ.