އޮޅުވާލައިގެން ކޭ ޕާކް ފްލެޓްތައް މަކަރާ ހީލަތުން ވިއްކި، ހަސަން މަމްދޫހު (މަންޑޭ) ގެ އަގުބޮޑު މުދާތަކެއް ހިފަހައްޓަން ހުޅުމާލެ ކޯޓުން ނެރެފައިވާ އަމުރު ބާތިލުކުރެވޭނެ ތަނެއް ނެތް ކަމަށް ހައި ކޯޓުން މިއަދު ކަނޑައަޅައިފިއެވެ،

ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ކޭ ޕާކް ފްލެޓްތައް ވިއްކުމުގައި އޮޅުވާލައިގެން ގިނަ ބައެއްގެ އަތުން ފައިސާ އަތުލި ކަމަށް ތުހުމަތުވާ މައްސަލާގައި މިދިޔަ ނޮވެމްބަރުގެ ތެރޭގައި ހުޅުމާލެ ކޯޓުން ވަނީ މަމްދޫހު ދިރިއުޅުނު އެޕާޓްމެންޓާއި އޭނާ ގެންގުޅުނު އަގު ބޮޑެތި މުދާތައް ހިފަހައްޓާފައެވެ، އެންމެ ފުރަތަމަ މި މައްސަލަ އިސްތިއުނާފުކުރުމަށް ހައި ކޯޓަށް ހުށަހެޅުމުން އެ ކޯޓުގެ ރަޖިސްޓާ ވަނީ އެއީ އެ ކޯޓަށް ބަލައިގަނެވޭނެ މައްސަލައެއް ނޫން ކަަމަށް ނިންމާފައެވެ. އެހެންނަމަވެސް ރަޖިސްޓްރާގެ ނިންމުން މަމްދޫހުގެ ފަރާތުން އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި ވަނީ އިސްތިއުނާފް ކޮށްފައެވެ. އަދި އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން މިދިޔަ މަހު ވަނީ އެ މައްސަލަ ބަލައިގަންނަން ނިންމައިފައެވެ.

ހައި ކޯޓަށް މަމްދޫހު ހުށަހެޅި މައްސަލައިގައި އެ ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ މަނީ ލޯންޑްރިންގެ ގާނޫނުގެ ދަށުން އެފަދަ މައްސަލަތަކުގައި އެކަށީގެންވާ ސަބަބުތަކެއްގެ މައްޗަށް ބިނާކޮށް މުދާ ހިފެހެއްޓުމުގެ ބާރު އޮންނަ ކަމަށެވެ. އަދި އެގޮތަށް ނެރޭ އަމުރުތައް މުރާޖާކުރަން ދަށު ކޯޓުގައި އެދުމުގެ ފުރުސަތު އޮންނައިރު މަމްދޫހު އެގޮތަށް އަމަލު ކޮށްފައިނުވާ ކަމަށް ހުކުމުގައިވެއެވެ،

މި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން، އެ އަމުރު މުރާޖާކުރަން މަމްދޫހުގެ ފަރާތުން ދަށު ކޯޓުގައި އެދިފައިނުވާތީ، އެ އަމުރާ މެދު މިވަގުތު ގޮތެއް ނިންމެން ނެތް ކަމަށް ހައި ކޯޓުން ވަނީ ހުކުންކޮށްފައެވެ. މަމްދޫހު، ކޭޕާކުގެ 41 އެޕާޓްމަންޓް 107 މީހުންނަށް ވިއްކާފައިވާކަމަށް ޕީޖީއިން ބުނެފައިވާއިރު މި މައްސަލާގައި އޭނާގެ މައްޗަށް 200 އަށް ވުރެ ގިނަ ދައުވާ ކްރިމިނަލް ކޯޓުގައި ވަނީ އުފުލާފައެވެ.