ފޮރިން މިނިސްޓަރު މޫސާ ޒަމީރު، ޔޫރަޕިއަން ޔޫނިއަންގެ ޔޫރަޕިއަން އެކްސްޓާނަލް އެކްޝަން ސާވިސްގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރު ފޯ ސައުތް އޭޝިއާ އެންޑް ޕެސިފިކް، ޕައޯލާ ޕަމްޕަލޯނީ އާ ބައްދަލު ކުރައްވައިފިއެވެ.

އަދި މި ދަތުރަކީ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއެކު ރާއްޖެއިން ބާއްވާ ގުޅުންތައް ވަރުގަދަކުރުމަށް ކުރައްވާ ދަތުރެއް ކަމަށް ފޮރިން މިނިސްޓްރީން ބުނެފައި ވެއެވެ.

މި ބައްދަލުވުމުގައި ރާއްޖެއާއި އީޔޫ އާ ދެމެދު ފުޅާ ދާއިރާއެއްގައި ގުޅުން ބަދަހިކުރުމާމެދު މަޝްވަރާކޮށްފައި ވެއެވެ. އަދި ހަމައެހެންމެ ރާއްޖެއިން އެކްސްޕޯޓު ކުރާ ކަނޑުމަހުން ނަގާ ޓެރިފް ކުޑަކުރުމުގެ އިތުރުން، ދިވެހިންނަށް ވިސާ އާ ނުލައި ޔޫރަޕަށް ދަތުރުކުރުމުގެ ފުރުސަތު ދިނުމާ ބެހޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

މި ދަތުރުގެ ތެރެއިން މިނިސްޓަރު، އީޔޫގެ އިންޑޯ ޕެސިފިކް މިނިސްޓީރިއަލް ފޯރަމުގައިވެސް ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. މި ފޯރަމް ފެށުމަށް ހަމަޖެހިފައި ވަނީ މި ފެށޭ ފެބްރުއަރީ މަހުގެ 2 ވަނަ ދުވަހުއެވެ.