ޗާގޯސް ޖަޒީރާގެ މިލްކުވެރިކަމުގައި އިނގިރޭސި ސަރުކާރުން މޮރިޝަސްއާ އެކު ހަދާފައިވާ އެއްބަސްވުމާ މެދު އދ.ގެ ކޮމިޓީއަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މިފަދައިން ކަންބޮޑުވުން ފާޅުކޮށްފައި ވަނީ އދ.ގެ ކޮމިޓީ އޮން ދަ އެލިމިނޭޝަން އޮފް ރޭޝަލް ޑިސްކްރިމިނޭޝަނުން މިދިޔަ ހޯމަ ދުވަހު އާންމު ކުރި ރިޕޯޓެއްގައެވެ. އެގޮތުން، މި އެއްބަސްވުމުގެ ސަބަބުން ޗާގޯސްގެ ރައްޔިތުންގެ ހައްގުތަކަށް އަރައިގަތުން ދިގުދެމިގެން ދާނެ ކަމަށް ބުނެ އދ. ގެ އެ ކޮމިޓީން ވަނީ އެ އެއްބަސްވުން ތަސްދީގު ނުކުރުމަށް އިނގިރޭސި ސަރުކާރަށް އިލްތިމާސް ކޮށްފައެވެ.

މީގެ އިތުރުން ވެސް ޗާގޯސްގެ އަސްލު ވަޒަންވެރިންނަށް އެ މީހުންގެ ކާބަފައިންގެ ރަށް ކަމަށްވާ ޑިއޭގޯ ގާސިއާއަށް އެނބުރި ދިއުން މި އެއްބަސްވުމުގެ ދަށުން މަނާކޮށްފައިވާތީ އެކަމާ ހިތާމަކުރާ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައި ވެއެވެ.

ޗާގޯސްގެ މިލްކުވެރިކަމުގެ މައްސަލައަކީ ހަމައެކަނި އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު އޮތް މައްސަލައެއް ކަމަށް ބުނެ ދާދިފަހުން އިނގިރޭސިވިލާތުން ވަނީ ވަރުގަދަ ރައްދެއް ދީފައެވެ. އެގޮތުން ޗާގޯސްގެ ސިޔާދަތާ ގުޅޭ ގޮތުން ސުވާލު އުފެދިފައި ވަނީ ހަމައެކަނި އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދުކަން ތަފާތު ކޯޓުތަކާއި އިދާރާތަކުގެ ނިންމުންތަކުން ސާފުވާ ކަމަށް ތުރުކީގެ އަނަދުލު ނޫސް އޭޖެންސީން އިނގިރޭސިވިލާތުގެ ފޮރިން އޮފީހާ ސުވާލުކުރުމުން އެ ގައުމުން ބުނެފައި ވެއެވެ.

މޮރިޝަސް އަށް ޗާގޯސް ދޭން މިދިޔަ އަހަރު މެއި މަހު ސޮއިކުރި އެއްބަސްވުން ތަންފީޒުކުރުމާ ބެހޭ ގޮތުން ކުރަންޖެހޭ ކަންކަން އަދި ދަނީ ކުރިއަށެވެ. އެކަމަކު، ސްޓްރެޓީޖިކް ގޮތުން ޑިއޭގޯ ގާސިއާ އަސްކަރީ މަރުކަޒު ކުރިއަށް އޮތް 99 އަހަރަށް ބޭނުންކުރުމުގެ ފުރުސަތު އެމެރިކާއަށާއި އިނގިރޭސިވިލާތަށް އޮންނާނެއެވެ.

މި އެއްބަސްވުމަށް އަމަލުކުރަން ފަށާނީ ދެ ގައުމުގެ އެތެރޭގެ ގާނޫނީ މަރުހަލާތައް ފުރިހަމަ ކުރުމަށްފަހުއެވެ.

ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ބައި ކަނޑައެޅުމުގައި އިޓްލޮސްއިން ނިންމާފައި ވަނީ ފުށޫއަރާ ބައި ކަނޑައަޅައި އިކުއިޑިސްޓެންސްގެ ދަށުން ބަހާލުމަށެވެ. އިކުއި ޑިސްޓެންސްގެ ދަށުން ފުށުއަރާ ސަރަހައްދު ބަހާލުމުން މައްސަލަ ރާއްޖެ އަށް ލިބުނީ 47،232 އަކަ ކިލޯމީޓަރެވެ. އެއީ 135 ނޯޓިކަލް މޭލެވެ. އަދި މޮރިޝަސް އަށް ލިބުނީ 45،331 އަކަ ކިލޯމީޓަރެވެ.

އިޓްލޮސް އިން ޗާގޯސްގެ ކަނޑުގެ ސަރަހައްދުން ފުށު އަރާ ހިސާބު ބައިހަމަކޮށް ބަހާލުމުން ރާއްޖެއިން ކުރިން ބޭނުން ކުރަމުން ދިޔަ 200 ނޯޓިކަލް މޭލުން 5 މޭލު ވަނީ ގެއްލިފައެވެ.