ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބުގައި ވޯޓުލެވޭ މީހުންގެ ލިސްޓަށް ގެނައި ބަދަލުތައް އިލެކްޝަންސް ކޮމިޝަނުން މިއަދު އާންމުކޮށްފިއެވެ.
އެ ބަދަލުތައް ސަރުކާރުގެ ގެޒެޓުގައި އާންމުކުރިކަން ހާމަކުރައްވައި ކުރެއްވި ޕޯސްޓުގައި އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ، ވޯޓުލެވޭ މީހުންގެ ލިސްޓަށް ގެނައި ބަދަލުތައް ރަށްރަށާއި ސިޓީތަކުގެ ކައުންސިލު އިދާރާތަކުގައި އާންމުކުރެވިފައިވާ ކަމަށެވެ.
މިއަދުން ފެށިގެން އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލިކަން ހާމަކުރައްވައި ހަބީބް ވަނީ ޝަކުވާ ހުށަހަޅަންވީ ވަގުތު ވެސް އާންމުކުރައްވައިފައެވެ. އެއީ:
- ރަސްމީ ދުވަސްތަކުގައި ނަމަ ހެނދުނު 8:30 އިން މެންދުރުފަހު 3 އަށް
- ބަންދު ދުވަސްތަކުގައި ނަމަ ހެނދުނު 9 އިން މެންދުރުފަހު 3 އަށް
- ހުކުރު ދުވަސް ނަމަ މެންދުރުފަހު 3 އިން ހަވީރު 5 އަށް
ހަބީބް ވިދާޅުވި ގޮތުގައި، މާލެ ފިޔަވައި މީހުން ދިރިއުޅޭ ރަށްރަށުންނާއި ސިޓީތަކުން ޝަކުވާ ބަލައިގަންނާނީ އެ ރަށެއް ނުވަތަ ސިޓީއެއްގެ ކައުންސިލު އިދާރާއަކުންނެވެ. މާލޭގައި ނަމަ އިންތިހާބާ ބެހޭ މަރުކަޒުން (ދަރުބާރުގެ އިން) ޝަކުވާ ބަލައިގަންނާނެ ކަމަށާއި، ނުވަތަ އީމެއިލް މެދުވެރިކޮށް ވެސް ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.
ގެޒެޓުގައި އިލެކްޝަންސް ކޮމިޝަނުން އާންމުކުރި ބަދަލުތަކުގެ ތެރޭގައި ހިމެނެނީ:
- އެޑްރެސް ބަދަލުވި 444 މީހެއް
- ނިޔާވެފައިވާތީ 225 މީހުން އުނިކުރެވިގެން ދިޔަ
- 380 މީހަކު އިންތިހާބީ ދާއިރާ ބަދަލުކުރި
- އެކަކު ނަން ބަދަލުކުރި
- ލިސްޓުގައި ނަން ނެތުމުން ފަސް ފަރާތެއް އިތުރުކުރެވުނު
- ލިސްޓުން ހަތަރު މީހަކު އުނިކުރެވުނު
އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި، މަޖިލީޙަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 284،337 މީހަކަށް ލިބިގެންވެއެވެ.