ޗައިނާ ހިލޭ އެހީގެ ދަށުން 5 ރަށެއްގައި އިޔާދަކުރެނެވި ހަކަތައިން ބޭނުންކުރާ ޑީސަލިނޭޝަން ޕްލާންޓްތަކެއް ގާއިމްކޮށްފިއެވެ.

މި ޑީސަލިނޭޝަން ޕްލާންޓްތައް ގާއިމުކޮށްފައިވަނީ ރ. އަލިފުށި، ޅ. އޮޅުވެލިފުށި، ހއ. ކެލާ، ގއ. ދާންދޫ އަދި ކ. ކާށިދޫގައެވެ. މި ފަސް ރަށުގައި ގާއިމްކުރި ޕްލާންޓްތަކުގެ މަސައްކަތް ނިންމުމަށްފަހު ޗައިނާއިން މިއަދުވަނީ އެޕްލާންޓްތައް ސަރުކާރާ ހަވާލުކޮށްފައެވެ.

އެގޮތުން ރ. އަލިފުށި، ޅ. އޮޅުވެލިފުށި، ހއ. ކެލާ އަދި ގއ. ދާންދޫގައި ވަނީ ދުވާލަކު 200 ޓަނުގެ ފެން އުފެއްދޭ ޑީސަލިނޭޝަން ޕްލާންޓް އަދި ގެ 200 ކިލޯ ވޯޓުގެ ސޯލާ ޕެނަލް ހަރުކޮށްފައެވެ.

އަދި ކ. ކާށިދޫގައި ވަނީ ދުވާލަކު 200 ޓަނުގެ ފެން އުފެއްދޭ ޑީސަލިނޭޝަން ޕްލާންޓް 100 ކިލޯ ވޯޓުގެ ވިންޑް ޓާބައިން އަދި 100 ކިލޯ ވޯޓުގެ ސޯލާ ޕެނަލް ވަނީ ހަރުކޮށްފައެވެ.

މި މަސައްކަތް ނިންމާ ލިޔެކިޔުންތަކުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓާ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރޭސްޓްރަކްޗާ ޑރ. އަބްދުﷲ މުއްތަލިބެވެ. އަދި ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސަފީރު ވޮންގް ލީޒިންއެވެ.