ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ބަދަހި ރަޙުމަތްތެރިކަމުގެ ގުޅުމަކީ ފުރުސަތުތަކާއި ތަނަވަސްކަމާއި އުޖާލާ މުސްތަގުބަލަކަށް މަގުފަހިކޮށްދޭ ބްރިޖެއްގެ ގޮތުގައި ދެމިއޮތް ގުޅުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޗައިނާގެ ގައުމީ ދުވަސް ފާހަގަ ކުރުމަށް މާލޭގައި ބޭއްވި ރަސްމީ ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައިވަނީ އެއް ގައުމު އަނެއް ގައުމަށް ކުރާ އިހްތިރާމާއި، ސިޔާދަތީ ހަމަހަމަކަމާއި، ސުލްހަވެރިކަމާއެކު އެކުގައި އުޅުމުގެ އިތުރުން 'ވަން ޗައިނާ ޕޮލިސީ' އަށް ރާއްޖެއިން ދޭ ސާބިތު އެއްބާރުލުމުގެ މައްޗަށް ކަމަށެވެ. އަދި 2024 ވަނަ އަހަރު އެމަނިކުފާނު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށްފަހު ދެ ގައުމުގެ ގުޅުން 'ކޮމްޕްރިހެންސިވް ސްޓްރެޓީޖިކް ކޯޕަރޭޓިވް ޕާޓްނާޝިޕް' އަކަށް ބަދަލުވެގެން ގޮސްފައިވާކަން ވެސް ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ތަރައްގީއަށް ޗައިނާއިން ވަމުންދާ އެހީތެރިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ޒަމާނީ އުމްރާނީ ތަރައްގީއާއި، ދެމެހެއްޓެނިވި ރަށްވެހިކަމާއި، ތަޢުލީމާއި ފަންނީ ތަމްރީނު އަދި މުއައްސަސާތައް ހަރުދަނާކުރުމަށް ޗައިނާއިން އެހީތެރިވަމުން އަންނަ ކަމަށެވެ.

މީގެއިތުރުން ސިނަމާލެ ބްރިޖާއި، ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި، ދެ ގައުމުގެ ދެމެދުގައި ވެވިފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ (އެފްޓީއޭ) ދަށުން އިގްތިސާދީ އަދި ވިޔަފާރީގެ ގުޅުންތައް ފުޅާވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޗައިނާގެ ގައުމީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާގައި ރައީސް މުއިއްޒު ވާހަކަ ދައްކަވަނީ

ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ އަސަރު އާންމު ދިރިއުޅުމަށާއި އިގްތިސާދުތަކަށް ކުރަމުންދާ ކަމަށާއި، ވަކިން ހާއްސަކޮށް ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް މިކަމުގެ ނޭދެވޭ އަސަރު ބޮޑުކަމަށެވެ.

އެހެންކަމުން މަޝްވަރާއާއި އެއްބާރުލުމާއި އިތުބާރުގެ މުހިންމުކަން ފާހަގަކުރައްވައި، ސުލްހައަކީ ތަރައްގީގެ ޖާގަ ތަނަވަސްކޮށްދޭ އަދި ގޮންޖެހުންތަކުން އަރައިގަތުމަށް ބާރު ލިބިދޭ ކަމެއް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.