އެމެރިކާއިން އީރާނާ ދެކޮޅަށް އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކާ ޗައިނާއިން ދެކޮޅުހެދި ނަމަވެސް، އީރާނުގެ އިގުތިސާދު ހިމާޔަތްކުރުމަށް ޗައިނާއިން ދޭ އެހީތެރިކަން ވަރަށް ބޮޑަށް މަދުކަމަށް އަލްޖަޒީރާއިން ރިޕޯޓުކޮށްފިއެވެ. ޗައިނާއިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގެ ފިޔަވަޅުތަކާ ދެކޮޅުހަދާއިރު، ޗައިނާގެ ހާރިޖީ ސިޔާސަތުގައި އެމެރިކާއާއި ގަލްފުގެ ގައުމުތަކާއެކު އޮންނަ ގުޅުން ބެލެންސްކުރުމަށް އިސްކަންދޭ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

ޗައިނާގެ ޝައޮކްސިންގް ޔުނިވާސިޓީގެ ޗައިނާ-މިޑްލް އީސްޓް ސެންޓަރުގެ ޑިރެކްޓަރު ހޮންގްޑާ ފޭން ބުނި ގޮތުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޗައިނާގެ މަސްލަހަތުތައް އޮތުމާއެކު، އީރާނަށްޓަކައި އެމެރިކާއާ ސީދާ ކުރިމަތިލުމަކަށް ޗައިނާއިން ނުދާނެއެވެ. އަދި އެމެރިކާއާއި އީރާނުގެ މައްސަލަ ހައްލުކުރަން ޖެހޭނީ އެ ދެ ގައުމުން އަމިއްލައަށް ކަމަށް އޭނާ ފާހަގަކުރިއެވެ.

ކިރްގިސްތާންގެ ބިޝްކެކްގައި މި ހަފުތާގައި ބޭއްވި 10 ގައުމު ހިމެނޭ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ގެ ބައްދަލުވުމުގެ ހަވާސާގައި އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން އާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގް ކުރު ބައްދަލުވުމެއް ބޭއްވެވި ކަމަށް އީރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކުރިއެވެ. ނަމަވެސް ޗައިނާގެ މީޑިއާތަކުން މި ބައްދަލުވުމުގެ އެއްވެސް މައުލޫމާތެއް ގެނެސްދީފައެއް ނުވެއެވެ. މި ސަމިޓަށްފަހު ޝީ ވަނީ ފާއިތުވި 10 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް މިސްރަށް ވަޑައިގެންފައެވެ. އެ ދަތުރުފުޅުގައި މެދުއިރުމަތީގެ ގައުމުތަކުގެ ދާހިލީ ކަންކަމާ ބޭރުގެ ފަރާތްތަކުން ނުބެހުމަށް އޭނާ ގޮވާލެއްވިއެވެ.

ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާއާއި އިސްރާއީލުން ފެށި ހަނގުރާމައަށްފަހު، އީރާނުން ބޭރުކުރާ ތެލުގެ 90 އިންސައްތަ ގަންނަނީ ޗައިނާއިންނެވެ. ނަމަވެސް މިއީ ޗައިނާއަށް ބޭނުންވާ ޖުމްލަ ހަކަތައިގެ އެންމެ 2 އިންސައްތައެވެ. ޗައިނާގެ ދައުލަތުގެ ބޮޑެތި ކުންފުނިތައް ކަމަށްވާ ސިނޯޕެކް އަދި ޕެޓްރޯޗައިނާއިން އީރާނުގެ ތެޔޮ ގަތުން ހުއްޓާލާފައިވާތާ އަހަރުތަކެއް ވެފައިވާއިރު، މިހާރު އެ ތެޔޮ ގަންނަނީ ޑޮލަރުގެ މާލީ ނިޒާމާ ގުޅުން ކުޑަ އަމިއްލަ ކުދި ރިފައިނަރީތަކުންނެވެ.

ޓްރަމްޕްގެ ސަރުކާރުން ވަނީ މި ކުދި ރިފައިނަރީތަކާއި ޗައިނާއާއި ހޮންގްކޮންގްގެ ބައެއް ކުންފުނިތަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ. އަދި “އޮޕަރޭޝަން އިކޮނޮމިކް އައުޓްކާސްޓް” ގެ ނަމުގައި ޗައިނާގެ މާލީ ނިޒާމަށް އަމާޒުކޮށް ފިޔަވަޅު އަޅާނެ ކަމުގެ އިޝާރާތެއް ދީފައިވެއެވެ. ނަމަވެސް ސެޕްޓެމްބަރު 24 ގައި ޝީ އާއި ޓްރަމްޕް ބައްދަލުކުރައްވަން ހަމަޖެހިފައިވުމާއެކު، އެމެރިކާއިން ޗައިނާގެ ބޮޑެތި ބޭންކުތަކަށް ފިޔަވަޅު އަޅާފާނެ ކަމާމެދު މާހިރުން ޝައްކުކުރެއެވެ.

ބެއިޖިންގްގައި ހުންނަ ސެންޓަރ ފޯ ޗައިނާ އެންޑް ގްލޯބަލައިޒޭޝަން (ސީސީޖީ) ގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ޒީޗެން ވަންގް ބުނި ގޮތުގައި، ޗައިނާއިން އެމެރިކާގެ ފިޔަވަޅުތަކާ ސިޔާސީ ގޮތުން ދެކޮޅުހެދި ނަމަވެސް، އީރާނަށް ބޭނުންވާހާ ފައިސާއެއް ނުދޭނެއެވެ. އަދި ޗައިނާގެ ބޮޑެތި ބޭންކުތަކާއި ދައުލަތުގެ ކުންފުނިތަކުން ދަތިކުރުމުގެ ފިޔަވަޅުތަކަށް ވަރަށް ބޮޑަށް ސަމާލުވާ ކަމަށް އޭނާ ބުންޏެވެ.

ޗައިނާއިން 2021 ވަނަ އަހަރު އީރާނާއެކު ސޮއިކުރި 25 އަހަރުގެ އެއްބަސްވުމުގެ ދަށުން 400 ބިލިއަން ޑޮލަރު އިންވެސްޓްކުރުމަށް ނިންމި ނަމަވެސް، އޭގެ ތެރެއިން ގިނަ މަޝްރޫއުތައް އަދި ފެށިފައެއް ނުވެއެވެ. އީރާނުގެ އޭރުގެ ޑެޕިއުޓީ އިކޮނޮމީ މިނިސްޓަރު އަލީ ފެކްރީ 2023 ވަނަ އަހަރު ވިދާޅުވި ގޮތުގައި، އެ އެއްބަސްވުމަށްފަހު ޗައިނާއިން އިންވެސްޓްކޮށްފައިވަނީ އެންމެ 185 މިލިއަން ޑޮލަރެވެ. ޗައިނާމެޑް ޕްރޮޖެކްޓްގެ ހެޑް އޮފް ރިސާޗް އެންޑްރިއާ ގިސެލީ ބުނި ގޮތުގައި، އީރާނުގައި ވިޔަފާރި ފުޅާކުރުމަށްޓަކައި ބައިނަލްއަގުވާމީ މާލީ ނިޒާމާ އޮންނަ ގުޅުން ކަނޑާލަން ޗައިނާގެ ކުންފުނިތަކުން ބޭނުމެއް ނުވެއެވެ. އަދި އީރާނުގެ ބޭންކިންގް ނިޒާމަކީ ވެސް އޮތް ހުރަހެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

އެމެރިކާއިން އީރާނުގެ ބަނދަރުތައް ބަންދުކުރުމާ ގުޅިގެން، ހޯރުމުޒް ކަނޑުއޮޅި މެދުވެރިކޮށް އީރާނުން ބޭރުކުރި ތެލުގެ މިންވަރު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. ކޭޕްލަރގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މާޗް އަދި އޭޕްރީލް މަހު ދުވާލަކު 1.85 މިލިއަން ފީފާ ބޭރުކުރިއިރު، އޮގަސްޓް މަހު މި އަދަދު ވަނީ 240،000 ފީފާއަށް ވެއްޓިފައެވެ. އެމެރިކާގެ ޓްރެޝަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ސީއެންބީސީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ކަނޑުމަތީގައި މިހާރު ހުރީ އީރާނުގެ 30 މިލިއަން ފީފާގެ ތެޔޮ ކަމަށާއި، ޗައިނާއިން އީރާނަށް ފޮނުވާ ފައިސާ ހުސްވަމުންދާ ކަމަށެވެ. ނަމަވެސް ކޭޕްލަރ އިން ލަފާކުރާ ގޮތުގައި 80 މިލިއަން ފީފާގެ ތެޔޮ ކަނޑުމަތީގައި އެބަހުއްޓެވެ.

އިސްރާއީލުގެ އަޝްކެލޮން އެކެޑެމިކް ކޮލެޖުގެ މާހިރެއް ކަމަށްވާ މޯޑެކާއީ ޗަޒީޒާ ބުނި ގޮތުގައި، ޗައިނާއަށް އީރާނުގެ ބަދަލުގައި ސައުދީ އަރަބިއްޔާ، ރަޝިޔާ އަދި ޔޫއޭއީ ފަދަ ގައުމުތަކުން ހަކަތަ ހޯދިދާނެއެވެ. ޗައިނާއަށް އެތެރެކުރާ ސާފުނުކުރާ ތެލުގެ ދެބައިކުޅަ އެއްބައި ގެންނަނީ މެދުއިރުމަތިން ކަމަށްވާތީ، ގަލްފުގެ ހަމަޖެހުމަކީ ޗައިނާއަށް މުހިންމު ކަމެއް ކަމަށް އޭނާ ބުންޏެވެ.

އެމެރިކާގެ ޓްރެޝަރީގެ ކުރީގެ އޮފިޝަލެއް ކަމަށްވާ ކެރީ ބިޓްސޮފް ބުނި ގޮތުގައި، ޗައިނާއިން އީރާން ދެކެނީ ބައިވެރިއެއްގެ ގޮތުގައެއް ނޫނެވެ. އޭގެ ބަދަލުގައި އީރާނަކީ ޗައިނާގެ ކަސްޓަމަރެއް ކަމަށާއި، ޗައިނާއަށް އަގުހެޔޮކޮށް ތެޔޮ ލިބުމުގެ އިތުރުން އެމެރިކާގެ ސަމާލުކަން މެދުއިރުމައްޗަށް ހުއްޓިފައި އޮތުމަކީ ޗައިނާއަށް ފައިދާހުރި ކަމެއް ކަމަށް އޭނާ ފާހަގަކުރިއެވެ.